ކަރެކްޝަންގެ ބެލުމުގެ ދަށުގައި ހުންނަ މީހަކު ނިޔާވެއްޖެނަމަ ޕޯސްޓްމޯޓަމް ނަހަދާ އެމީހެއްގެ ހަށިގަނޑު އާއިލާއާއި ހަވާލު ނުކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިހުސާން މިފަދައިން ވިދާޅުވެފައިމާފުށީ ޖަލުގައި އިއްޔެ މަރުވި އުމުރުން 45 އަހަރުގެ ޖަމީލް މަރާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖަމީލުގެ ހަށިގަނޑު، ހިނަވާގޭގައި ބާއްވާފައި އޮއްވައި އޭނާގެ ގައިގައި ހުރި ނިޝާންތަކެއް ދައްކައި އަނިޔާކުރި ކަމުގެ ތުހުމަތު ސޯޝަލް މީޑިއާގައި ދައުރު ކުރަން ފެށުމުން ޕޯސްޓްޕޯޓަމް ހެދުމަށް ފުލުހުންނަށް އެންގި ނަމަވެސް ފުލުހުން އެތަނަށް ދިއުމުން އާއިލާއިން އެއީ ގުދުރަތީ މަރެއް ކަމަށް ގަބޫލުކުރާ ކަމަށާއި ޕޯސްޓްމޯޓަމް ހަދައިގެން ހަށިގަނޑަށް އިތުރަށް ގެއްލުންދޭން ބޭނުން ނުވާ ކަމަށް އޭނާގެ އާއިލާއިން ބުނެފައިވާ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.
ނަމަވެސް އެފަދަ ވާހަކަތަކެއް ދައުރު ކުރުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫންކަން ފާހަގަ ކުރައްވާ އިހުސާން ވިދާޅުވީ މީގެ ފަހުން ޖަލުގައި އެއްވެސް ހާލަތެއްގައި ނިޔާވާ އެއްވެސް ގައިދީއަކު ދޫ ކުރާނީ ޕޯސްޓްމޯޓަމް ހެދުމަށްފަހު ކަމަށެވެ.
ގައިދީއަކު އަޅުކަމުގައި ހުރެއްޖެނަމަ އެ މީހަކަށް އަޅުކަމުގައި ހުރުމުގެ ފުރުސަތު މީގެ ކުރިން ދިން ކަމަށާއި ނަމަވެސް އަޅުކަމުގައި ހުރި ނަމަވެސް ގަޑިއިރަކު އެއްފަހަރު އެމީހެއްގެ ފުރާނަ ހުރިތޯ ބަލާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
ޖަމީލް ނިޔާވެފައި ވަނީ ނަމާދަށް ސަޖިދައިގައި އޮށްވައެވެ. އަދި އޭނާ އެގޮތަށް 4 ގަޑިއިރު ވަންދެން އޮތް ކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި ހަށިގަނޑުގެ ކުލަ ވެސް ބަދަލުވެފައި ވަނީ އެހާ ގިނައިރު އެގޮތަށް އޮތުމުން ކަމަށް ސަމާހު ވިދާޅުވި އެވެ. އޭގެ އިތުރުން ޖަމީލަށް ކުޑަކަމުދެވިފައި ހުރިކަމަށާއި އޭނާގެ ހަށިގަނޑުންވެސް އަދި ގޮޅިންވެސް އެފަދަ ކަންތައްތައް ފެނިފައިވާ ކަމަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ސަމާހު ވިދާޅުވިއެވެ.