މާފުށި ޖަލުގައި އިއްޔެ ނިޔާވެފައި އޮއްވާ ފެނުނު މުހައްމަދު ޖަމީލް ރޭގެ ފަތިސް ނަމާދަށްފަހު ވަޅުލައިފިއެވެ.
އުމުރުން 45 އަހަރުގެ ޖަމީލް ގޮޅިން ނުނިކުމެ، ހަރަކާތްނުކޮށް ގިނައިރު އޮތްކަން ފާހަގަކުރެވިގެން ސީޕީއާރު ދިނުމުން ވެސް އޭނާގެ ހާލަތަށް އެއްވެސް ބަދަލެއް ނައުމުން މާފުށީ ސިއްހީ މަރުކަޒަށް މެންދުރު 12:13 ހާއިރު ގެންގޮސް ވަނީ ފަރުވާދީފައެވެ. ޖަމީލް ބެއްލެވި ޑޮކްޓަރާ ހަވާލާދީ ކަރެކްޝަނުން ބުނީ، ޖަމީލްގެ ހިތްހުއްޓިފައިވާ ކަމަށާއި، ބައިގަޑިއިރު ފަހުން ނިޔާވެފައިވާ ކަމަށެވެ.
ޖަމީލް ނިޔާވީ ޖަލު އޮފިސަރުން އަނިޔާކޮށްގެން ކަމާއި، ގަސްދުގައި އޭނާ އަށް ފަރުވާނުދީ ބޭއްވީ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޖަމީލްގެ މޫނުމަތިން އަނިޔާގެ ނިޝާންތައް ފެންނަ ފޮޓޮއެއް ވެސް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ.
އެއާއެކު އާއިލާއިން ފުރަތަމަ ބޭނުންވީ އެކަން އިތުރަށް ތަހުގީގުކޮށް ޕޯސްޓްމޯޓަމް ހެދުމަށެވެ. ނަމަވެސް އެކަމަށް ފުލުހުން އެއްބަސް ނުވި ނަމަވެސް ރޭ ހޯމް މިނިސްޓަރު ވަނީ އާއިލާއިން އެއްބަސްވާނަމަ ޕޯސްޓްމޯޓަމް ހަދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޕޯސްޓްމޯޓަމަށް ހެދުމަށް ފުލުހުން ވަނީ ރޭގެ ދަންވަރު ޖަމީލްގެ ހަށިގަނޑު ގެންދިއުމަށް އާސަހަރާއަށް ވެސް ގޮސްފައެވެ. އެސްއޯ ފުލުހުންގެ ބޮޑު ފައުޖަކާއެކު ޖަމީލު ހަށިގަނޑު ބަލާ ފުލުހުން ދިޔަ ނަމަވެސް އާއިލާއިން ވަނީ އޭނާގެ ހަށިގަނޑު ހަވާލު ކުރުމަށް ދެކޮޅު ހަދާފައެވެ.
އެންމެ ފަހުން އެ ސަރަހައްދަށް މިނިސްޓަރު ވަޑައިގެން، އާއިލާގެ މީހުންނާ ވާހަކަ ދެއްކެވި ނަމަވެސް ނިންމީ އާއިލާ އިން ބޭނުންވާ ގޮތަށް ކުރިއަށްދާށެވެ. އެއާއެކު ރޭ ފަތިސް ނަމާދަށް ފަހު ޖަމީލުގެ ހަށިގަނޑު ވަނީ ވަޅުލާފައެވެ. އަދި ޖަނާޒާގައި މިނިސްޓަރު އިހުސާން ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.
ކަން ހިނގާ ދިޔަ ގޮތް ހިއްސާ ކުރަމުން ޖަމީލުއާ ދެބެއިންގެ ދެ ދަރި އަދި އެމްޑީޕީ ސަރުކާރުގައި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި މޫސާ އަލި މަނިކު (މޫކޭ) ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަނީ އެއީ އިހުމާލާއި އަނިޔާގެ ނަތީޖާއިން ގެއްލުނު ފުރާނައެއް ކަމަށް ތުހުމަތު ކުރައްވާފައެވެ.
މޫކޭ ވިދާޅުވި ގޮތުގައި ކަރެކްޝަނުން އެމީހުންގެ ޒިންމާ ނިމިއްޖެ ކަމަށް ބުނެ އާއިލާ އާ ހަށިގަނޑު ހަވާލުކުރީ ކުޑަމިނުން މައްޔިތާ ހަށަމަށް އަތްވެސް ނުނަގާ ކަމަށެވެ. އަނިޔާގެ އަސަރުތައް ހަށިގަނޑުގެ އެތައް މިތާ ހުރިއިރު އެއީ ނުވާކަމެއް ކަމަށް ބުނެވޭނެ ޖާގައެއް ނެތްކަން ފާހަގަކޮށް މޫކޭ ވިދާޅުވީ ފުލުހުންގެ ފަރާތުން 12 ޖަހާ ބޮޑުވި ފަހުން ބޭކަލަކު އައިސް ބޮޑީ ގެންދަން ބޭނުން ވާހަކަ ބުނިއިރު ހިނަވާ ކަފުންކޮށްވެސް ނިމިފައިވާ ކަމަށެވެ.
"އަނިޔާގެ އަސަރުތައް ހަށިގަނޑުގެ އެތައް މިތާ ހުރިއިރު އެއީ ނުވާކަމެއް ކަމަށް ބުނެވޭނެ ޖާގައެއް ނެތް... ފުލުހުންގެ ފަރާތުން 12 ޖަހާ ބޮޑުވި ފަހުން ބޭކަލަކު އައިސް ބޮޑީ ގެންދަން ބޭނުން ވާހަކަ ބުނިއިރު ހިނަވާ ކަފުންކޮށް ނިމިއްޖެ. އާއިލާއާ ދެކޮޅަށް ގަދަކަމުން ބޮޑީ ގެންދިއުމަށް ފުލުހުންގެ ބޮޑު ފައުޖަކާއެކު އައިސް ފަތިސް ނަމާދަށް ފަހު އޮތް ޖަނާޒާ ހުއްޓުވި" މޫކޭގެ ޕޯސްޓުގައި ވެއެވެ. އަދި މިއީ ރާއްޖޭގައި ޖަނާޒާއެއް ހުއްޓުވު ފުރަތަމަ ފަހަރުކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
ޖަމީލުގެ މަރާ ގުޅިގެން މިނިސްޓަރު އިހުސާން ރޭ 'އެކްސް' ގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖަލުތަކުގައި ގައިދީން ނިޔާވުމުން، ނިޔާވި ސަބަބު ދެނެގަތުމަށްޓަކައި ކަރެކްޝަންސްގެ އިންސްޕެކްޓަރު އަބަދު ވެސް މިނިވަން ތަހްގީގެއް ހިންގާ ކަމަށާއި، އިތުރަށް ޝައްކު އުފެދޭނަމަ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް މިނިވަން ތަހްގީގެއް ހިންގާ ކަމަށެވެ.
އޭނާ ވިދާޅުވީ، އާއިލާގެ ރުހުން އޮތް ނަމަ ޖަމީލްގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުންނަށް އަންގަވާފައި ވާނެ ކަމަށެވެ.
ޖަމީލް ހުރީ އެންމެ ފަހު ވަގުތު ވެސް ނަމާދަށް ކަން، ޖަލުގައި ހުރި ސީސީޓީވީ ކެމެރާތަކުން ހާމަވާ ކަމަށާއި، ޖަލު އޮފިސަރުން ހެނދުނު ގޮޅިތައް ބަލައި ފާސްކުރަމުން ދިޔަ ވަގުތު ޖަމީލް ނިޔާވެފައި ވަނިކޮށް ފެނުނީ ސަޖިދައިގައި އޮއްވާ ކަމަށް އިހްސާން ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ޖަމީލް ނިޔާވި މައްސަލަ ތަހްގީގު ކުރާ ހުރިހާ އިދާރާތަކަށް ސީސީޓީވީ ފުޓޭޖުތައް ހިއްސާ ކުރައްވާނެއެވެ.
ޖަމީލްއަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދު ކޮށްފައި ހުރި މީހެކެވެ.