ހިޔާ ފްލެޓުގެ ކޮރިޑޯގައި ކުޑަކުއްޖަކަށް އަނިޔާކުރާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އެތަނުގައި 3-4 މީހުންގެ ގުރޫޕެއް ހަރަކާތްތެރިވިއެވެ. ނަމަވެސް އެކުއްޖާއަށް އަނިޔާކޮށްފައި ވަނީ އެކަކު އެވެ. އެތަނުން އަނިޔާ ކުރި މީހާ އެކުއްޖާގެ ކަރުގައި އަތުން އަޅުވާ ބިންމައްޗަށް ވައްޓާލާ މަންޒަރު ފެނެއެވެ.
އަދި އަތުން އޭނާގެ ބޮލުގައި ޖެހުމަށްފަހު އޭނާގެ ކަރުގައި ކޮޅުފައިން ދެ ފަހަރު ޖަހާތަންވެސް ފެނެއެވެ. އަދި ލިބޭނީ 15 މިނެޓު ކަމަށާއި އެތަނުން ދިއުމަށް އަނިޔާ ކުރި މިީހާ ބުނާ އަޑު އިވެއެވެ. ނަމަވެސް ކޮންތަނަކަށް ކަމެއް ދާން ބުނީކީ ސާފެއް ނުވެއެވެ. އެތަނުގައި ވީޑިއޯ ކުރި މީހާއާއެކު 4 މީހުން ތިބިތަން ފެނުނު އިރު އެކަކުވެސް އެ އަމަލުތައް ހުއްޓުވަން މަސައްކަތް ކޮށްފައި ނުވެއެވެ.
މި ވީޑިއޯ އާއި ގުޅިގެން ސުވާލު ކުރުމުން ފުލުހުން ބުނީ، އެ ވީޑިއޯއަކީ ކުރިން ހިނގާފައި ހާދިސާއެއް ކަމަށެވެ. ހާިދސާ ހިނގީ ކޮން ތާރީހެއްކަން އެނގިފައި ނުވި ނަމަވެސް އެ ވީޑިއޯ ފުލުހުންގެ އިދާރާއަށް ލިބިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުކަން ފާހަގަކޮށް އެ އިދާރާއިން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހިއްސާ ކޮށްފައި ނުވާއިރު އަނިޔާ ކުރި ފަރާތްތައް ދެނެގަނެވިފައިވާ ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ވީޑިއޯ އާއި ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްނަމަ އެ މައުލޫމާތު ހިއްސާ ކޮށްދެއްވުމަށް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.
މީގެ ކުރިންވެސް ވަނީ ކުޑަކުދިންނަށް ގުރޫޕުތަކުން އަނިޔާ ކުރާ މައްސަލަ ފެންމަތިވެ ވީޑިއޯތައްވެސް އާންމުވެފައެވެ. އަދި މިއޫ ރާއްޖޭގައި އިތުރުވަމުންދާ މައްސަލައެއްކަން ފާހަގަކޮށްލެވެއެވެ.