ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ހުޅުމާލޭގެ ފެސިލިޓީގައި ހިންގަމުންދާ އެކޮމަޑޭޝަން ފެސިލިޓީ މެނޭޖްމެންޓްގެ މަސައްކަތްތައް ހުއްޓާލަން ނިންމުމާ ގުޅިގެން އެ ކުންފުނީގެ ބައެއް މުވައްޒަފުން ވަކިކުރަން ނިންމައިފިއެވެ.

އެ ކުންފުނިން މުވައްޒަފުންނަށް މިއަދު ފޮނުވި އިންޓާނަލް މެމޯއެއްގައި ބުނީ، މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ބޯޑު ބައްދަލުވުމެއްގައި އެ ކުންފުނީގެ ހުޅުމާލޭގެ ފެސިލިޓީގައި ހިންގަމުންދާ އެކޮމަޑޭޝަން ފެސިލިޓީ މެނޭޖްމެންޓްގެ މަސައްކަތްތައް ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އެއީ ސަރުކާރުގެ ޕްރޮޖެކްޓްތަކަށް ބޭނުންކުރަން ނިންމާފައިވާ ބިމަކަށް ވުމާއެކު އެ ފެސިލިޓީގައި ހިންގަމުން ދިޔަ ވިޔަފާރި އަކީ ގެއްލުމުގައި ކުރާ ކަމަކަށް ވުމުން ކަމަށް އެ މެމޯގައި ބުނެފައި ވެއެވެ.

އެހެންކަމުން އެ ފެސިލިޓީގެ މުވައްޒަފުންގެ ތެރެއިން ކުންފުންޏަށް މި ވަގުތަށް ބޭނުންވާ މުވައްޒަފުން ނޫން އެހެން މުވައްޒަފުން ވަކިކުރަން ނިންމާފައިވާ ކަމަށް މެމޯގައި ވެއެވެ. އެ މެމޯގައި ވަޒީފައިން ވަކި ކުރަނީ ކިތައް މުވައްޒަފުން ކަން ބުނެފައި ނުވި ނަމަވެސް، ކުންފުނީގައި ބައިތިއްބާ މުވައްޒަފުންނަށް ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުން އަންގާނެ ކަމަށް ބުނެފައި ވެއެވެ.

އެ މުވައްޒަފުން ވަކިކުރަނީ ވަޒީފާއާ ބެހޭ ގާނޫނުގެ 21 ވަނަ މާއްދާގެ (ނ) އަށް ރިއާޔަތްކޮށެވެ. އެ މާއްދާގައި ބުނަނީ ވަޒީފާދޭ ފަރާތުން ހިންގާ ވިޔަފާރިއެއް ނުވަތަ ދެމުންގެންދާ ހިދުމަތެއް ހުއްޓާލަންޖެހުމާ ގުޅިގެން ނުވަތަ ވަޒީފާދޭ ފަރާތުގެ ހިންގުމަށް ގެންނަ ބަދަލަކާ ގުޅިގެން ނުވަތަ ވަޒީފާދޭ ފަރާތުގެ މާލީ ހާލަތު ދަށްވުމާ ގުޅިގެން މަގާމެއް އުނިކުރަންޖެހުމުގެ ސަބަބުން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ، ވަކިކުރެވިދާނެ އެކަށީގެންވާ ސަބަބެއް ކަމުގައި ބެލެވޭނެ ކަމަށެވެ.

މި ހާލަތުގައި ވަޒީފާއިން ވަކިކުރާ އިރު، އެ މުވައްޒަފަކު ވަޒީފާގައި އުޅުނު މުއްދަތަށް އެއް އަހަރު ފުރިފައިނުވާ ނަމަ، އެއް މަސްދުވަހުގެ ނޯޓިސް ނުވަތަ ނޯޓިސްގެ މުއްދަތަށްވާ ފައިސާ ދޭންޖެހެއެވެ. ވަޒީފާގައި އުޅުނު މުއްދަތު އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތެއް ނަމަ، ވަޒީފާއިން ވަކިކުރުމަށް މަދުވެގެން ދެ މަސް ދުވަހުގެ ނޯޓިސް ނުވަތަ އެ ނޯޓިސްގެ މުއްދަތަށްވާ ފައިސާ ދޭން ޖެހެއެވެ. އަދި ވަޒީފާގައި އުޅުނު މުއްދަތު ހަތަރު އަހަރަށް ވުރެ އިތުރުވާ ނަމަ، ވަޒީފާއިން ވަކިކުރުމަށް މަދުވެގެން ތިން މަސް ދުވަހުގެ ނޯޓިސް ނުވަތަ އެ ނޯޓިސްގެ މުއްދަތަށްވާ ފައިސާ ދޭން ޖެހެއެވެ.

އާރްޑީސީގެ ބުނީ، އެ ކުންފުނިން ވަކިކުރާ މުވައްޒަފުންނާ މެދު އަމަލު ކުރާނީ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށެވެ.