މޯލްޑިވްސް އިންޑަސްޓްރިއަސް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ޗީފް އެގްޒެކެޓިވް އޮފިސަަރު / މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ހުޅުވާލައިފިއެވެ.

މިފްކޯގެ ސީއީއޯގެ މަގާމުގައު އެންމެ ފަހުން ހުންނެވީ އަހުމަދު ޝަމާހު ރަޝީދުއެވެ. ގިނަ ތުހުމަތުތަކެއް އަމާޒުވާ ޝަމާހު އެ މަގާމުން ވަކިކޮށްފައި ވަނީ މިދިޔަ މެއި މަހުގެ 21 ވަނަ ދުވަހުއެވެ. ނަމަވެސް އެ މަގާމުން ޝަމާހު ވަކިކޮށް މާގިނަ ދުވަސްތަކެއް ނުވަނީސް، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓަކަށް އޭނާ ވަނީ އައްޔަންކޮށްފައެވެ.

މަގާމުގައި ހުންނަވަނިކޮށް ކޯޕަރެޓް ގަވަނަންސް އާ ގުޅޭ މައްސަލަަތަކަކާ ގުޅިގެން މަހަކަށްވުރެ ގިނަ ދުވަހަށް ޝަމާހު ސްސްޕެންޑުވެސް ކުރިއެވެ. އޭނާ އާއި ގުޅޭގޮތުން ޕީސީބީއަށް ހުށަހެޅި ޝަކުވާތަކުގެ ތެރޭގައި ޝަމާހުގެ އާއިލީ ގުޅުން އޮންނަ ފަރާތްތަކާއި ރައްޓެހިންނަށް ކުންފުނީގެ ވަޒީފާ ދިނުން ފަދަ ބޮޑެތި ތުހުމަތުތައް ހިމެނެއެވެ.

އެގޮތުން ޖުމްލަ 12 ކަމެއް ފާހަގަކޮށް ޝަމާހަށް ޕީސީބީން ފޮނުވި ސިޓީއެއްގައި ބުނީ, މިފްކޯ އާ ގުޅޭ ގޮތުން ގިނަ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށާއި ކޯޕަރޭޓް ގަވަނަންސް ކޯޑާއި ޕީސީބީން ހަދާފައިވާ ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް ކަންކަން ކޮށްފައި ވާކަން ފާހަގަވެފައިވާ ކަމަށެވެ.

އެއާއެކު އެ ކުންފުނީގެ ސީއީއޯގެ މަގާމު ހުސްވެފައި ވަނިކޮށް 4 މަހާ ގާތްވެފައި ވަނިކޮށް ޕީސީބީން މިއަދު ކުރި އިއުލާނެއްގައި ބުނީ މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ އަދި ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ކުރިމަތިލެވޭ ގޮތަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ސީއީއޯ/އެމްޑީއަކުން ހޯދުމުގެ މަސައްކަތް އެ ބޯޑުން ކުރަމުންދާ ކަމަށެވެ.

މިމަގާމަށް ތަޖުރިބާ ހުރި ބޭރުގެ ފަރާތްތަކަށް ވެސް ކުރިމަތިލެވޭނެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެހެން ކަމުން މި ކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ސީވީ، ކަވާ ލެޓާ، ތައުލީމީ ސެޓްފިކޭޓްގެ އިތުރުން އެ ދާއިރާގައި މަސައްކަތް ކޮށްފައިވާ ކަމުގެ ލިޔުން މެއިލް ކުރެއްވުމަށް ޕީސީބީން ވަނީ އެދިފައެވެ.

މިފްކޯގެ މާލީ ހާލަތު ދަށްވެ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމުގައިވެސް ކުންފުންޏަށް ވަނީ ދަތިވެފައެވެ. އެކަމާ ގުޅިގެން މަސްވެރިން އިހުތިޖާޖު ކުރާތާވެސް ހަފްތާއެއް ވުމާ ގާތަށް މިވަނީ ގޮސްފައެވެ.

އެ ކުންފުނީގެ މާލީ ހާލަތާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެމުން މިފްކޯއިން ބުނީ ނުއަގުގައި މަސް ގަތުމުގެ ސަބަބުން ވާ ގެއްލުން ފޫބެއްދުމަށް 2015 ވަނަ އަހަރުން ފެށިގެން މިހާތަނަށް މިފްކޯއަށް ސަރުކާރުގެ ބަޖެޓުން ދީފައިވާ ގުރާންޓާއި ލޯނު، އަދި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ހަމަޖައްސައިދީފައިވާ ލޯނުތަކުގެ ޖުމުލަ އަދަދު 2.5 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި އޮތް އިރު އެސްޓީއޯއިން މިފްކޯއަށް ކޭޝްފްލޯ ސަޕޯޓު ދިނުމަށް 2022 ވަނަ އަހަރުގެ ނިޔަލަށް 512 މިލިއަން ރުފިޔާގެ ތެޔޮ ދަރަންޏަށް ދޫކޮށްފައިވާ ކަމަށާއި އެ ފައިސާވެސް މިހާތަނަށް އެ ކުންފުންޏަށް ވަނީ ދެއްކޭ ގޮތް ނުވެފައެވެ.