މަސްތުވާތަކެތީގެ ފަރުވާ ދެމުންދާ މީހުންނަށް އެކުލަވާލާފައިވާ އިންތިޒާމްތައް ހަރުދަނާ ކުރުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ބޯޑުން ބުނެފިއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބާގައި އެ ބޯޑުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މަސްތުވާތަކެތީގެ ފަރުވާ ދެވޭ މީހުންނަށް ދެމުންގެންދިޔަ ފަރުވާތަކުގެ އިތުރުން މެޑިކަލް ފަރުވާ ހިމެނުމާއި ރެސިޑެންޝަލް ފަރުވާއަށް ފަސޭހައިން ދެވޭނެ އިންތިޒާމުތައް އެކުލަވާލައި މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް އައުޓްރީޗްކޮށް ފަރުވާ އަށް ގެނެއުމަށްޓަކައި އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އަދި މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ޕްރެވެންޝަން މަސައްކަތްތަކަށް ކުރާ ހޭދަ ބޮޑުކޮށް އެ މަސައްކަތްތައް އެކިއެކި އުމުރުފުރާއަށް ޓާގެޓްކޮށް ގައުމީ ފެންވަރުގައި ކުރުމުގެ މަސައްކަތްތައްވެސް ރާވައިގެން ކުރިއަށްގެންދާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ. މީގެ އިތުރުން، ރިކަވަރީގައި ތިބި ފަރާތްތަކަށް އާފްޓާ ކެއާގެ ހިދުމަތްތައް ފަށައިގެން ކުރިއަށް ގެންދިއުމަށްވެސް ވަނީ ރާވާފައެވެ.
ހަމައެހެންމެ ސިވިލް ސޮސައިޓީ އާއެކު ވަރުގަދަ ޕާޓްނަޝިޕެއް އުފައްދާ ކޮމިއުނިޓީ ތަކަކީ މަސްތުން ސާފު ތަނަކަށް ހެދުމުގެ މަސައްކަތްވެސް އެ ބޯޑުން ކުރިއަށް ގެންދެއެވެ.
މިއަދުުގެ މުނާސަބާގައި މަސްތުވާތަކެތީގެ ވަބާއިން ރައްކާތެރިވެ އެންމެންނަށް ދުޅަހެޔޮ ސިއްހަތެއް ގެނެސްދިނުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެންޑީއޭ ބޯޑުން ދީފައި ވެއެވެ.
އަދި ސަރުކާރުގެ އަމާޒަކީ އެވިޑެންސް ބޭސްޑް ސްޓްރެޓަޖީތަކާއި ތައުލީމާއި ކޮމިއުނިޓީ ޕާޓްނާޝިޕްގެ ޒަރިއްޔާއިން މަސްތުވާތަކެތީގެ ޑިމާންޑު ކުޑަކޯށް ކުށުގެ ނެޓްވޯކްތައް ނައްތާލާ ކަމުގެ އަސްލަށް ވާސިލްވުން ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ ކޮންމެ ގޭބީސީއަކަށް އަސަރުކުރާ ބޮޑު މައްސަލައެއްކަން ފާހަގކޮށް އެ ބޯޑުން ބުނީ ޒުވާނުންނާއި ފުރާވަރު އުމުރުގެ ކުދިން މަސްތުވާތަކެއްޗާއި ދުރުކުރުމާއި އޭގެ ނުރައްކާތެރިކަން އެ މީހުން ތަޖުރިބާ ކުރުމުގެ ކުރިން އެކިއެކި މަސައްކަތް ކުރުމަކީ މުޅި މުޖްތަމައުގެ ޒިންމާއެއް ކަމަށެވެ. އަދި މި ވަބާ އާ ދުރުވުމަށް މުޅި ގައުމު އެކީ އަތުގުޅާލުމަކީ މުހިންމު ކަމެއް ކަމަށް ބަޔާނުގައި ވެއެވެ.