ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ޝަމްނާޒްގެ އިތުރުން 2 މީހަކު ހައްޔަރު ކޮށްފައި ވާ ކަމަށެ. 'ދަ ޕްރެސް' އަށް އެނގިފައިވާ ގޮތުން ދެވަނަ މީހަކީ އަލީ ސަލީމް ކިޔާ މީހެކެވެ.
މި 3 މީހުން ހައްޔަރު ކޮށްފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ. އަދި މި 3 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި 3 މީހުން ހައްޔަރުކޮށްފައި ވަނީ ކޮން މައްސަލައަކާ ގުޅޭ ގޮތުން ކަމެއް ފުލުހުން ސާފުކޮށް ދީފައެއް ނުވެއެވެ.
'ދަ ޕްރެސް' އަށް އެނގިފައިވާ ގޮތުން ޝަމްނާޒް އާއި އިތުރު 2 މީހުން ހައްޔަރު ކުރީ ސިހުރާ ގުޅުން ހުރި ކަމެއްގައެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒަށް ސިހުރު ހައްދަވައި ސިޔާސީ ގޮތުން ގާތްވުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް އޮތް ކަމަށް ވެސް ވަނީ އެނގިފައެވެ.
ޝަމްނާޒަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ.
މީގެ ކުރިން މާލޭ ސިޓީ ކައުންސިލްގެ މެންބަރު ކަންވެސް ކުރައްވި ޝަމްނާޒު ހިނގަމުން މިދާ ސަރުކާރުގައި ފުރަމަ ބަހައްޓާފައި ހުރީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އަރިހުގައި މުލީއާގޭގައެވެ.
އެންވާރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އޭނާ ބަދަލު ކުރީ ގަނޑުވަރުތެރެއާ ގުޅޭ ސިއްރުތަކެއް ލީކް ކުރެއްވި މައްސަލައިގައިކަމަށް އަޑިވެފެތުރިފައި ވެއެވެ.