ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާތީ މެންބަރުންގެ އަދަދު މަދުކުރުމާ ގުޅޭ ގޮތުން މެންބަރުންގެ ހިޔާލު ހޯދުމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު، މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

ޝުޖާއުގެ ގަރާރުގައި ވިދާޅުވީ، ދުނިޔޭގެ ނިސްބަތުން ގައުމުގެ އާބާދީ އާ އަޅާ ބަލާއިރު ރާއްޖޭގެ މަޖިލީހަށް އިންތިހާބުކުރަން ޖެހޭ މެންބަރުންގެ އަދަދު އިތުރުވަމުންދާ ކަމަށާއި، މި މައްސަލައަކީ އާންމުންގެ މެދުގައި އޮންނަ ކަންބޮޑުވުމެއް ކަމަށްވާތީ މަޖިލީހުން މިކަމަށް ހައްލެއް ހޯދަން ޖެހޭ ކަމަށެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުމަށް މި ސަރުކާރުންނާއި ކުރީ ސަރުކާރުން ވެސް ތާއީދުކުރިއެވެ. ނަމަވެސް މިކަމަށް ހުށަހެޅުނު އިސްލާހުތައް ނިމިދިޔަ 19 ވަނަ މަޖިލީހުން ވަނީ ބޭރުކޮށްލައިފައެވެ.

ފާއިތުވެދިޔަ ތިން ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ތިބި އަދަދުތައް

  • 17 ވަނަ މަޖިލިސް: 77 މެންބަރުން
  • 18 ވަނަ މަޖިލިސް: 85 މެންބަރުން
  • 19 ވަނަ މަޖިލިސް: 87 މެންބަރުން

މި ހިނގަމުންދާ 20 ވަނަ މަޖިލީހުގައި 93 މެންބަރުން ތިއްބަވައެވެ.