ޏ. ފުވައްމުލަކުގައި ފުލުހުންގެ އޮޕަރޭޝަނަކަށް ހުރަސް އަޅި މައްސަލައާއި ގުޅިގެން މިހާތަނަށް ޖުމްލަ 4 މީހުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގެ ތެރެއިން މަސްތުވާތަކެތި ގެންގުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް މަސައްކަތްކުރުމުން އެވަގުތު އެތަނަށް އިތުރު ބަޔަކު ގޮސް ފުލުހުންނާ ކުރިމަތިލާ ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައިވާ ކަމަށެވެ. އަދި މި ހަމަނުޖެހުމުގައި ފުލުހަކަށް އަނިޔާވެފައިވާއިރު، އެންމެ ފުރަތަމަ މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ތިން މީހުންނެވެ.
އިތުރަށް ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން ޕޮލިސް ސްޓޭޝަން ކުރިމައްޗަށް ބަޔަކު އެއްވެފައިވާ ކަމަށެވެ. އަދި ސްޓޭޝަން ތެރެއަށް އެތަނުން މީހަކު ވަދެ ހަމަނުޖެހުން ހިންގުމަށް މަސައްކަތްކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލަ އާއި ގުޅިގެން މިހާރު ޖުމްލަ މީހަކު ހައްޔަރުކޮށްފައިވާއިރު ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
މީގެ އިތުރުން ފުލުހުން ބުނީ ފުވައްމުލަކުގައި ހިނގި އޮޕަރޭޝަނުގެ މައުލޫމާތު ހަގީގަތާއި ހިލާފަށް ބައެއް މަދު މީޑިއާތަކުން ގެނަަސްދީފައިވާކަމަށެވެ. އަދި ދިވެހި ފުލުހުން މަސްތުވާތަކެތީގެ ވަބާއިން މިގައުމު ސަލާމަތްކުރަން ކުރަންޖެހުނު ހުރިހާ މަސައްކަތެއް ސާބިތުކަމާއިއެކު ކުރާނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ފުވައްމުލައް ސިޓީގައި މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރިކުރާ މައްސަލަ ވަރަށް ބޮަޑަށް އިތުރުވެފައިވާއިރު، މިކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.