ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކޮލް ދިވެހިރާއްޖެ އިން ފެނިއްޖެއެވެ.
އެ ބަލި ރާއްޖެއިން ފެނުނުކަން ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ނަަމަވެސް މިކަމާ ގުޅޭ ގޮތުން ރަސްމީ ބަހެއް އަދި ނުލިބެއެވެ. މެނިންގޮކޯކޮލް ނުރައްކާތެރި ބެކްޓީރިއާއެއް ކަމަށްވާ ނެއިސެރިއާ މެނިންގްޓިޑިސް ނުވަތަ އާންމު ނަމުންނަމަ މެނިންގޮކޯކަސްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބައްޔަކީ ސިކުނޑީގެ މެމްބްރޭންތަކަށް އަސަރުކުރާ އަދި ސްޕައިނަލް ކޯޑަށްވެސް އަސަރު ކުރާ ބައްޔެކެވެ.
މެނިންގޮކޯކޮލްގެ އަލާމާތްތައް:
- ގަދައަށް ހުން އައުން
- ހުޅުހުޅުގައި ނުވަތަ ގައިގެ މަސްތަކުގައި ރިއްސުން
- ބޮލުގައި ރިއްސުން
- އަބަދު ވަރުބަލިވެފައި ނުވަތަ ވަރުދެރަވެފައި ހުރުން
- އަވަސް އަވަހަށް ނޭވާ ލެވުން
- ރަތް ނުވަތަ ގަދަ ދަނބުކުލައިން ނޫފައިގަނެފައި ހުންނަ ގޮތަށް ގައިގެ އެތަން މިތަން ހުރުން
- ހޮޑުލެވުން
މި ބައްޔަކީ ބަލި ޖެހިފައި ހުރި މީހަކާ ޑައިރެކްޓް ކޮންޓެކްޓަކަށް ވުމުން، ނޭވާލައި ނިޒާމުގެ ތެރެއިންނާއި އަނގައިގެ ތެރެއިން ގައިން ގަޔަށް ފެތުރޭ ބައްޔެކެވެ. އަވަހަށް ފަރުވާ ނުދެވިއްޖެ ނަމަ ފުރާނައަށް ވެސް ނުރައްކާވާ މެނިންގޮކޯކޮލް ބައްޔަކީ ވެކްސިން ޖަހައިގެން ކުރިއާލައި ރައްކާތެރިވެވޭ ބައްޔެކެވެ. މި ބައްޔަކީ ނުރައްކާތެރި ބައްޔަކަށް ވާއިރު މި ބަލި ޖެހުމަށްފަހު ރަނގަޅުވުމަށް ފަހުވެސް ދިގު މުއްދަތަކަށް ތަހަންމަލު ކުރަންޖެހޭ ފަދަ ސިއްހީ މައްސަލަތައް ބައެއް މީހުންނަށް ދިމާވާ ބައްޔެކެވެ.
މިއަދު ސ. ހިތަދޫއަށް އުފަން، އުމުރުން 38 އަހަރުގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ހުން އައިސްގެން ހާލު ސީރިއަސްވެ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެނިކޮށް ވަނީ ނިޔާވެފައެވެ. ބަކާ ހުން އައިސްގެން އެޑްމިޓް ކޮށްފައިވަނީ ހައްޖުގެ އަޅުކަން ނިންމާލުމަށް ފަހު މާލެއަށް އައިތާ 3 ދުވަސް ފަހުންނެވެ.
ބަކާ މަރުވީ މިބަލީގައި ކަމެއް ނުވަތަ ނޫން ކަމެއް ރަސްމީ އިދާރާއަކުން އަދި ހާމައެއް ނުކުރެއެވެ.