މި ދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވެ އެކި ތަންތަނުގައި ފެން ހަރުލުމުގެ ސަބަބުން ބުޅަލާއި މީދަލުގެ ނަޖިހުން ފެތުރޭ ބަލިތައް އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މި ދުވަސްވަރު ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށާއި އެގޮތުން ބޭރަށް ހިންގުމާއި، ހޮޑުލުމާއި، ބުޅަލާއި މީދަލުގެ ނަޖިހުން ފެތުރޭ ބަލިތަކާއި، ފަންގަސް ޖެހުމުގެ ސަބަބުން ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. މީގެއިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކަމަށްވާ ޑެންގީ، ޗިކުންގުންޔާ އަދި ޒިކާ ފަދަ ބަލިތައް ގިނަވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

މިއާއެކު އެޗްޕީއޭއިން ވަނީ ދުރާލާ މި ކަންކަމަށް ސަމާލުވުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ވިއްސާރައާއި ގުޅިގެން ފެންބޮޑުވެފައިވާ ސަރަހައްދުތަކުގެ ފެންގަނޑަށް ނޭރުމަށާއި ހާއްސަކޮށް ކުޑަކުދިން އެ ފެންގަނޑުތަކަށް ނޭރުމަށް ވަނީ އެދެފައެވެ. އަދި އެއްވެސް ހާލަތެއްގައި ފެންގަނޑަށް އެރެން ޖެހިއްޖެނަމަ ވޯޓާ ޕްރޫފް ބޫޓާއި، ރަބަރު އަންގި ފަދަ ތަކެތި ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.

މީގެއިތުރުން ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށާއި، ގޯތިތެރޭގައި ފެންބޮޑުވެފައިވާނަމަ އެ ތަންތަނުގައި ހައްދާފައިވާ ގަހުގައި އެޅި ކާބޯތަކެތި ބޭނުން ކުރުމުގެ ކުރިން ރަނގަޅަށް ދޮއުމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ވަނީ މި ދުވަސްވަރު ހާއްސަކޮށް ފެނާއި ކާބޯތަކެތި އަދި ބޭސް ރައްކާތެރިކޮށް ބެހެއްޓުމާއި ފެން ހިންދުމަށްފަހު ގޭތެރެ ސާފުކުރުމަށް އެޗްޕީއޭއިން އާންމުކޮށްފައިވާ އިރުޝާދާ އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސްކޮށްފައެވެ.