ހުޅުމާލެ ފޭސް ދޭއްގެ ލޮޓުތަކުގައި ވިޔަފާރި ކުރާކަން ފާހަގަވާ ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް ހައުސިންގް ޑިވަލަޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެދިއްޖެއެވެ.

އެ ކޯޕަރޭޝަނުން ކުރި އިއުލާނެއްގައި ބުނީ، ހުޅުމާލެ ފޭސް 2 ގެ ރުއްގަނޑު 3 ގެ ބީޗް ސަރަހައްދަށްވާ ގޮތަށް އޮންނަ ހުސްބިމުގައި ގަވާއިދާ ހިލާފަށް ހަދާފައިވާ ހަޓްތައް މިހާރު ނަގާފައިވާ ކަމަށެވެ.

ނަމަވެސް އޭގެ ފަހުންވެސް އެ ސަރަހައްދުގައި އާންމު ފަރާތްތަކުގެ ލޮޓުތަކުގައި ވިޔަފާރި ކުރަމުންދާކަން ފާހަގަކޮށް އެޗްޑީސީން ބުނީ ގަވާއިދާ ހިލާފަށް އެއްވެސް ވިޔަފާރިއެއް ލޮޓުތަކުގައު ކުރުމަކީ މަނާ ކަމެއް ކަމަށެވެ. އަދި އެކަންކަމަށް ސަމާލުކަން ދިނުމަށް އެ ކޯޕަރޭޝަނުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.

އެޗްޑީސީން ވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުގައި ބަހައްޓާފައި ހުރި ހަޓުތައް ނެގުމަށް ވަނީ އެދިފައެވެ. ނަމަވެސް އޭގެ ފަހުންވެސް ނުނަގާ ހުރި ހަޓުތައް ފުލުހުން ވަނީ ނަގާފައެވެ.

ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުގައި ބަހައްޓާފައި ހުރި ހަޓުތައް ނަގަން އެޗްޑީސީން އަންގާފައިވަނީ، ކުދި ވިޔަފާރިތަކަށް ބޭނުންވާ ޖާގައާއި ވަސީލަތްތަކާ އެކު އެ ސަރަހައްދު ތަރައްގީކުރުމަށެވެ. އެޗްޑީސީން ބުނީ، ބީޗް ސަރަހައްދު ތަރައްގީކޮށް ނިމުމުން، ކަނޑައެޅޭ އުސޫލެއްގެ ދަށުން ވިޔަފާރިތަކަށް އެ ސަރަހައްދު އަލުން ހުޅުވާލާނެ ކަމަށެވެ.