ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން މަސް ގަންނަ އަގަކީ ދެކޮޅުޖެހޭ އަގެއް ނޫން ކަމަށް ވިދާޅުވެ، މަސް ގަންނަ އަގު މުރާޖައާކުރަން ޖެހޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މަސްވެރިންނަށް ފައިސާލިބުން ލަސްވާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދައިދޭން ސަރުކާރަށް ގޮވާލައްވައި މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން ނާޒިމް މިއަދު ވިދާޅުވީ، ނިމިދިޔަ ސަރުކާރުން އިންތިހާބާ ދިމާކޮށް 25 ރުފިޔާ އަށް މަސް ގަންނަ އަގު ބޮޑުކުރުމުގެ ސަބަބުން ކޮންމެ ކިލޯއަކުން އަށް ރުފިޔާގެ ގެއްލުން ވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިންނަށް ބަރާބަރަށް ފައިސާ ދެވޭނީ އެވަރުގެ އަގެއްގައި މަސް ގަނެ ވިއްކައިގެން ކަމަށެވެ.

މަސްވެރިން ބާނާ މަހަށް ވާ ލާރި ވީ އެންމެ އަވަހަކަށް ދޭން ޖެހޭނެ ކަމަށް ނާޒިމް ވެސް ގަބޫލުކުރައްވައެވެ.

"އެހެން ނަމަވެސް ފައިސާ ހުރިނަމަ މިހާރު މި ފައިސާ އޮތީހީ ދީ ނިންމާފަ، ގައުމުގެ ހާލަތު މިވަގުތު މިހިރީ ފައިސާ ދެވޭ ގޮތަކަށް ނޫން،" ދިއްގަރު ދާއިރާގެ މެންބަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިއީ ކުރީ ސަރުކާރުން މި ސަރުކާރަށް 'ވާރުތަވީ ހާލަތެއް' ކަމަށާއި، މި ސަރުކާރުން މަސްވެރިންނަށް ފައިސާ ދައްކާނެ ކަމަށެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވި ގޮތުގައި، 17 ހާސް މަސްވެރިންނަށް ބޮޑު ސަބްސިޑީއެއް ދީފައި، 35 ހާހަށް ވުރެ ގިނަ ސިވިލް ސާވަންޓުންނަށާއި 17 ހާހަށް ވުރެ ގިނަ ރިސޯޓު މުވައްޒަފުންނަށް ސަބްސިޑީއެއް ނުދިނުމަކީ އިޖުތިމާއީ އަދާލަތުގެ އުސޫލުން ބަލާއިރު ދެކޮޅު ޖެހޭ ކަމެއް ނޫނެވެ. އެހެންވެ މިކަމުގައި ދެވަނަ ވިސްނުމަކަށް ދާން އޭނާ ގޮވާލައްވައި، ޕާޓީތަކުން މިކަމަށް ހައްލެއް ހޯދަން އޭނާ އިލްތިމާސްކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ޕާޓީ ކުލަތަކާއި ޕާޓީގެ ރޮނގުތައް ފަހަނަހަޅައި އަޅުގަނޑުމެން އެބަޖެހޭ ހަގީގަތް ގަބޫލުކުރާ ބަޔަކަށް ވާން، އެހެންވީމާ އަޅުގަނޑު އެމްޑީޕީ އަށް ވެސް އެމްޑީޕީގެ އިއްޒަތްތެރި މެންބަރުންނަށް ވެސް މި އިލްތިމާސްކުރަނީ، ހިނގާށޭ ޕާޓީގެ ރޮނގުތައް ފަހަނަހަޅައި ގޮސް މިކަމުގައި ގައުމަށް ފައިދާހުރި ހައްލެއް ހޯދަމާ،"