މާލެ ސިޓީގެ، ގަލޮޅު ސިނަމާލެ 3 ގެ ޓެރެސް މަތިން ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރު 35 އަހަރާއި 42 އަހަރުގެ ދިވެހި ދެ ފިރިހެނުންކަމަށެވެ. މި މައްސަލައިގެ ރިޕޯޓް މިއަދު 5:01 ހާއިރު ފުލުހުންނަށް ލިބުމާއި ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށެވެ.

މި މަހުގެ ތެރޭގައި ސިނަމާލެ 3 ގެ ފެން މޯޓަރުގެ ކޭބަލް ބުރިކޮށްގެން ވަގަށް ނަގާފައިވާއިރު ސިނަމާލެ ފްލެޓްތަކުން ވައްކަންކުރުމާއި އެ ތަންތަނުގައި މަސްތުވާތަކެތި ބޭނުންކުރާ މައްސަލައިގައި ގިނަ ބަޔަކުވަނީ މީގެ ކުރިންވެސް ކަންބޮޑުވުންފާޅުކޮށްފައެވެ.

ރާއްޖޭގައި ވައްކަމުގެ މައްސަލަ ވަރަށް ބޮޑަށް އިތުރުވެފައިވާއިރު ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް އެންމެ ގިނައިން އެ އިދާރާއަށް ހުށަހަޅާފައިވަނީ ވެސް ވައްކަމުގެ މައްސަލަތަކެވެ.

އެ ގޮތުން މި އަހަރުގެ މިހާތަނަށް ވައްކަމުގެ 1693 މައްސަލަ ހުށަހަޅާފައިވާއިރު މި ފަދަ މައްސަލަތަކުގެ ތަހުގީގު ލަސްވުމާއި، ހައްޔަރުކުރާ މީހުންނަށް އެކަށީގެންވާ އަދަބު ނުދެވޭކަމުގެ ޝަކުވާތައްވެސް ގިނައެވެ.