މަސްވެރިން ބާނާ މަހަށް ދޭން ޖެހޭ ފައިސާ ވަގުތުން ވަގުތަށް ހަމަޖެއްސުމަށާއި، ވަގުތުން ވަގުތަށް ފައިސާ ނުދެވޭ މައްސަލައަށް ޖުމްލަ ހައްލެއް ހޯދައިދޭން އެމްޑީޕީން ގޮވާލައިފިއެވެ.
މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ، މަސް ކިރާތާ 48 ގަޑިއިރުތެރޭ މަހަށްވާ ފައިސާ ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ނަމަވެސް، ފާއިތުވި ދެ މަސް ދުވަހު މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދޭ ކަމަށެވެ.
"އޭގެ ސަބަބުން މަސްވެރިން ތިބީ ބިކަވެ، ހާލުގައި ޖެހިފަ، ދަރަނިވެރިވެ، ޔޫޓިލިޓީ ބިލުތަކާއި އަދި އެހެންވެސް ބިލުތައް ދެއްކޭނެ ގޮތެއް ނެތިފަ،" އޭނާ ވިދާޅުވިއެވެ.
އަހްމަދު ދީދީ ވިދާޅުވީ، މިހެންވުމުގެ ސަބަބުން މަސްވެރިކަމަށް ބަރޯސާވާ ރަށްތަކުގެ ވިޔަފާރިއަށް ބުރޫ އަރާފައިވާ ކަމަށާއި، އެހެންވެ މަސްވެރިންނަށް ފައިސާ ނުދެވޭ މައްސަލަ ހައްލުކުރަން ޖެހޭ ކަމަށެވެ.
އެހެންކަމުން އޭނާ ގޮވާލެއްވީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން މިހާރުން މިހާރަށް ހަމަޖައްސައި، ފައިސާ ނުދެވޭ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށެވެ.
މި މައްސަލަ ބަލައިގަނެ ބަހުސްކުރަން ފެނޭތޯ ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 74 މެންބަރުން ވެސް ވަނީ މި މައްސަލަ އަށް ބަހުސްކުރަން ފެންނަ ކަމަށް ފާސްކޮށްފައެވެ.
އެއަށްފަހު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފުރުސަތު ދެއްވުމުން އަހްމަދު ދީދީ ވިދާޅުވީ، މަސްވެރިން ތިބީ ބިކަވެ މާޔޫސްވެފައި ކަމަށާއި، ސަރުކާރުން މަސްވެރިންނާ މެދު އަމަލުކުރަމުން ދަނީ ނިކަމެތިކޮށް ކަމަށެވެ. އޭނާ ވިދާޅުވީ، މަސްވެރި ގިނަ އާއިލާތަކުން ހަރަދުތައް ހަމަޖައްސަނީ ލުއިލޯނު ނަގައި، ޒަރޫރީ ބޭނުންތަކަށް ކަންމަތީ ފިހާރަތަކުން ކްރެޑިޓަށް ފައިސާ ނަގައިގެން ކަމަށެވެ.
"މި ފައިސާ ނުލިބުމުގެ ސަބަބުން މަސްވެރިން މި ވަނީ ވަރަށް ބިކަވެފަ، ލޯނުތައް ޑިފޯލްޓު ވަނީ، ފައިސާކޮޅު ލިބޭއިރު އެ ހުރިހާ ފައިސާ އެއް މި ދަނީ އެއްކަލަ ޑިފޯލްޓްވީ ލޯނަށް އިންޓްރެސްޓްގެ ގޮތުގަ،" އަހްމަދު ދީދީ ވިދާޅުވިއެވެ.
މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަކީ މުހިންމު ކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ.
މިދިޔަ އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ މަސްވެރިންގެ ހައްގުގައި އެ ޕާޓީން މަސައްކަތްކުރާނެ ކަމަށާއި، އެގޮތުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މަޖިލީހަށް ހާޒިރުކުރަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށް ބުނެފައެވެ.
މަސްވެރިން ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދައްކާ ނިޒާމެއް ގާއިމު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ނަމަވެސް ރާއްޖޭގެ މާލީ ހާލަތު ހުރި ގޮތުން އެ ފައިސާ ދިނުމުގައި ދަތިތަކެއް ދިމާވާ ކަމަށް ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމް މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ހަމަ މިދިޔަ އާދީއްތަ ދުވަހުގެރޭ ވެރިކަންކުރާ ޕީއެންސީގެ އާ ޖަގަހަ ހުޅުވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، މަސް ގަތުމަށްޓަކައި ދައުލަތުން ސަބްސިޑީގެ ގޮތުގައި މިހާތަނަށް 270 މިލިއަން ރުފިޔާ މިފްކޯއަށް ދީފައިވާ ކަމަށާއި، ތެލާއި އައިސްގެ ސަބްސިޑީ ހިމެނޭހެން ޖުމްލަ 933 މިލިއަން ރުފިޔާ މަސްވެރިންނަށް ދީފައިވާކަމަށެވެ.
މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބުމާއި ގުޅިގެން އައްޑޫ ފިޝަރީސް ކޮމްޕްލެކްސްގައި ކުރިއަށްދާ އިހްތިޖާޖުތަކަށް އިޝާރާތްކުރައްވައި ޝިޔާމް ވިދާޅުވީ މަސްވެރިން އިހްތިޖާޖުކުރުމުން ސަރުކާރުން އެކަމާ ނުރުހުން ފާޅު ނުކުރައްވާނެ ކަމަށާއި، ނަމަވެސް ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުންވާ ގޮތަށް ކަންތައްތައް ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.
ޝިޔާމް ވަނީ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ފެނި، މަސްވެރިންނަށް އުފާވެރި ދުވަސްތަކެއް އަންނާނެކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު ވަނީ ކުރީ ސަރުކާރުން މަސްވެރިންނަށް ނުދީ ހުރި 851 މިލިއަން ރުފިޔާ ދޫކޮށް ޚަލާސްކޮށްފައެވެ.