ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަ ފަރާތަކީ ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ކަމަށް ދެކެވެމުންދާ ވާހަކަ ޕީއެންސީއިން ދޮގުކޮށްފިއެވެ.
ފަލާހާ ގުޅޭ ގޮތުން ފަތުރަމުން ގެންދަނީ ހަގީގަތާއި ހިލާފު ދޮގު ވާހަކަތައް ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ.
ޕީއެންސީއިން ބުނީ ސޯޝަލް މީޑިއާގައި ފަތުރަމުން ގެންދާ ވީޑިއޯ ނުވަތަ ފޮޓޯގައިވާ ފަރާތަކީ ފަލާހު ނޫންކަން މީގެ 2 އަހަރު ކުރިން ދިވެހި ފުލުހުންގެ ހިދުމަތުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އަދި އެ ފޮޓޯއާއެކު ހަގީގަތާއި ހިލާފު ދޮގު ހަބަރު ރޭގެ ވަގުތެއްގައި އެންމެ ފުރަތަމަ ފަތުރާފައިވަނީ ހަސަން ކުރުސީގެ ނަމުގައި ހަދާފައިވާ ފޭކް އެކައުންޓަކުން ކަމަށާއި އެއީ ހަގީގަތާއި ހިލާފު ދޮގު ވާހަކަތައް ފަތުރާ ފިތުނަ އުފެއްދުމުގައި ހައްދުފަހަނައަޅާފައިވާ އެކައުންޓެއް ކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ
އެހެން އިތުރު ފަރާތްތަކުން ވެސް ހަގީގަތާއި ހިލާފު ދޮގު ވާހަކަތައް ފަތުރަމުންގެންދާކަން ޕީއެންސީއިން ވަނީ ފާހަގަކޮށްފައެވެ. އަދި މިފަދަ ހަގީގަތާއި ހިލާފު ދޮގު ވާހަކަ ދައްކާ ފަތުރާ ފިތުނަ އުފައްދަން މަސައްކަތް ކުރާ ފަރާތްތަކުގެ މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް އެ ޕާޓީއިން ވަނީ ގޮވާލާފައެވެ.