މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަން އަދާ ކުރުމަށް ދިޔަ ހައްޖާޖީންގެ ފުރަތަމަ ގްރޫޕު މިއަދު ރާއްޖެ އަތުވެއްޖެއެވެ.

ފުރަތަމަ ގްރޫޕުގައި 296 ހައްޖުވެރިން ރާއްޖެ އައިސްފައި ވާއިރު، މައްކާގައި މިހާރު ތިބި ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ 3 ގްރޫޕަކަށެެވެ.

އެގޮތުން ބަލާއިރު 2 ވަނަ ގްރޫޕު ހުކުރު ދުވަހު އައުމަށް ހަމަޖެހިފައި ވާއިރު 3 ވަނަ ގްރޫޕު އައުމަށް ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހުއެވެ. އަދި އެންމެ ފަހު ގްރޫޕު އަންނަ ހަމަޖެހިފައި ވަނީ ޖުލައި 4 ވާ ބުރާސްފަތި ދުވަހުއެވެ.

ރާއްޖެއިން ހައްޖަށް ދިޔަ ހައްޖުވެރިންގެ ތެރެއިން ނިޔާވެފައި ވަނީ އެކަކުކަން އިސްލާމިކް މިނިސްޓްރީ އިން ފާހަގަ ކުރެއެވެ. އަދި އާންމު ގޮތެއްގައި ހުރިހާ ހައްޖުވެރިންގެ ހާލު ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެއެވެ.

މިއަހަރު ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ދިން 1،000 ކޯޓާ މިފަހަރު ސަރުކާރުން ދީފައި ވަނީ ހައްޖު ކޯޕަރޭޝަނަށެވެ. އެގޮތަށް ނިންމާފައި ވަނީ ވަރަށް ގިނަ ޖަމާއަތްތަކުން މީހުން އަތުން ފައިސާނެގުމަށް ފަހު ހައްޖަށް ނުދެވުމުގެ މައްސަލަތަކުގެ އިތުރުން ބިޑް އުސޫލުން ކޯޓާ ނެގުމަށްފަހު، ބޮޑު އަގުގައި ކޯޓާ ވިއްކާ މައްސަލައަށް ހައްލު ހޯދައި ދިނުމަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.