ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރާލުމުގެ ކުށުގައި އުމުރަށް ޖަލަށްލާން އަލީ ސިފާމްގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
މިއަދު ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ސިފާމްގެ ފަރާތުން އެ ހުކުމް ބާތިލުކޮށް ދިނުމަށް އެދިފައިވާއިރު، އޭނާގެ ވަކީލު ވިދާޅުވީ ކްރިމިނަލް ކޯޓުން, ސިފާމްގެ މައްޗަށް ކުށް ސާބިތިކުރުމުގައި ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާއަށް ރުޖޫއަވެ، ކުށުގެ އުންސުރުތައް ސާބިތުކޮށްފައިވާއިރު އަދަބު ކަނޑައަޅަން ޖެހޭނީ އެ ގާނޫނު 1002 ވަނަ މާއްދާގައިވާ އަދަބު ކަނޑައެޅުމުގެ ތާވަލާ އެއްގޮތަށް ކަމަށެވެ.
ސިފާމް ހުށަހެޅި މައްސަލައިގެ ދައުވާއަށް ޖަވާބު ދެމުން ދައުލަތުން ބުނީ މި މައްސަލައިގައި ދަށު ކޯޓުން ގޮތް ކަނޑައަޅާފައި ވަނީ ބިރުދެއްކުމާއި, ތޫނު އެއްޗެއް ގެންގުޅުން މަނާ ކުރާ ގާނޫނުގެ 5 ވަނަ މާއްދާގެ 'ބ' އަށް ކަމަށެވެ. އަދި ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދައިގެ ބޭނުން ހިފީ ބިރު ދެއްކުމާ، ތޫނު އެއްޗެއް ގެންގުޅުން މަނާ ކުރާ ގާނޫނުގައި ބައިވެރިވުމަކީ ކޮބާކަން ތަފްސީލީ ގޮތެއްގައި މާނަކޮށްފައި ނުވާތީ, މާނަ ކުރުމުގެ ވަސީލަތެއްގެ ގޮތުގައި ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ދައުލަތުން ބުނީ މި ދައުވާގައި ދަށު ކޯޓުގެ ފަނޑިޔާރުން ހައްދަވާފައިވާ ގޯހަކީ ކޮބައިކަން ތަފްސީލުކޮށް ބަޔާންކޮށްފައި ނުވާކަމަށެވެ. އަދި ސިފާމްގެ މައްޗަށް އަދަބު ކަނޑައަޅަން ޖެހޭ ކަމަށް ބުނެ އޭނާގެ ފަރާތުން ފާހަގަކުރި ނުކުތާއަކީ ގާނޫނީ އަސާސެއް ނުވަތަ ބަހުސެއް ނެތް ނުކުތާއެއް ކަން ފާހަގަކޮށް ދައުލަތުން ބުނީ މި މައްސަލަ ނިންމުމުގައި ދަށު ކޯޓުން ގޯހެއް ހަދާފައިވާ ކަމަށް ބުނާ ނުކުތާއަކީ މުޅިން ހަމަޖެހޭ ނުކުތާއެއް ނޫން ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ދައުލަތުން ވަނީ ސިފާމްގެ މައްޗަށް ކަނޑައަޅާފައިވާ ހުކުމް ބަދަލުކުރަންޖެހޭ ސަބަބެއް އިސްތިއުނާފު ކުރާ ފަރާތަށް ދެއްކިފައި ނުވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައެވެ.
މި މައްސަލައިގައި ދެ ފަރާތުގެ ވާހަކައަށް ރިއާޔަތްކޮށް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ, މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި އިތުރު ކަމެއް ނެތް ނަމަ ދެން އޮންނާނީ މި މައްސަލައިގައި ޝަރީއަތުން ގޮތް ނިންމުން ކަމަށެވެ.
ޒިޔަދަމް މަރާލަފައި އޮއްވާ ފެނުނީ 2015 ވަނަ އަހަރު މާޗް މަހުގެ 20 ވަނަ ދުވަހުގެރޭ، އެރަށު ވަގުތީހިޔާގޭ ބަދިގެތެރޭގައި އޮއްވައެވެ. ދައުލަތުން ކޯޓަށް ހުށަހެޅި މައްސަލާގައި ޒިޔަދަމް މަރާލާފައިވަނީ މަސްކަނޑާ ވަޅިއަކުން ބުރަކައްޓަށާއި، ފަލަމަސްގަނޑަށް ދިން ހަމަލާގެ ސަބަބުންކަމަށް ވަނީ ބުނެފައެވެ. މި މައްސަލައާއި ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ މުހައްމަދު ޝަނޫން މަރަން ކްރިމިނަލް ކޯޓުން ހުކުންކުރިއިރު، ސިފާމްގެ މައްޗަށް ޒިޔަދަމް މަރައިލުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެފައި ވާތީ 25 އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައެވެ.