ގައުމުގެ މާލީ ހާލަތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުން ސިއްރުކޮށްފިއެވެ.

ކޮމިޓީން ވަނީ ގައުމުގެ މާލީ ހާލަތު ސާފުކުރުމަށް، މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގަތުމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގަށް ދަންނަވައިފައެވެ. ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ މިނިސްޓަރަށް ހާޒިރުވެވަޑައިނުގެންނެވުނެވެ.

ބައްދަލުވުން ފެށްޓެވުމުގެ ކުރިން މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވީ، އާލާސްކަންފުޅާ އުޅުއްވާތީ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގެންނެވޭނެ ކަން މިނިސްޓަރު އަންގަވާފައިވާ ކަމަށާއި، އެކަމަކު ކޮމިޓީން ބޭނުންވާ މައުލޫމާތުތައް ލިޔުމުން ހިއްސާކުރައްވާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވީ، މި މައްސަލައަކީ ހައްސާސް މައްސަލައެއް ކަމަށާއި، އެހެންވެ ކޮމިޓީގެ ބައްދަލުވުން ސިއްރުކުރުމަށް މިނިސްޓަރު ބޭނުންފުޅުވާ ކަމަށެވެ. އެހެންކަމުން ކޮމިޓީ އަށް ލިބުނު މައުލޫމާތުތަކާ މެދު މަޝްވަރާކުރެވޭނީ ބައްދަލުވުން ސިއްރުކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ މި ބައްދަލުވުން ސިއްރުކުރުމާ މެދު ގޮތެއް ނިންމުމަށް މުގައްރިރު އެއްސެވުމުން ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ އިއްތިފާގުން ނިންމާފައިވަނީ ބައްދަލުވުން ސިއްރުކުރުމަށެވެ.

ފާހަގަކުރެވޭ ގޮތުގައި މި ބައްދަލުވުން ކުރިއަށް ގެންދަނީ ނާޒިމްގެ އިސްނެންގެވުމުގެ މަތިންނެވެ. ނާޒިމް ވަނީ ގައުމުގެ މާލީ ހާލަތު ދެނެގަތުމަށްޓަކައި ފިނޭންސް މިނިސްޓަރާއި އެމްއެމްއޭގެ ގަވަރުނަރާއި އޮޑިޓަރު ޖެނެރަލް ހާޒިރުކުރުމަށް ހުށަހަޅުއްވައިފައެވެ.

އޭގެ ކުރިން ވާހަކަދައްކަަވަމުން ނާޒިމް ވިދާޅުވީ މާލީ ހާލަތު ދެނެގަތުމުގެ މަސައްކަތް ފުރިހަމަކުރުމަށް ޓަކައި އެމްއެމްއޭގެ ގަވަރުނަރާއި، އޮޑިޓަރު ޖެނެރެލާ ބައްދަލުކުރަން ޖެހޭކަމަށެވެ. އެއާއެކު އެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރުމަށް ނާޒިމް ހުށަހެޅުއްވިއެވެ.

މި މަހުގެ ހަވަނަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވަނީ، ގައުމުގެ މާލީ ހާލަތާ ގުޅޭ ހުރިހާ ކަމެއް އާންމުންނަށް ސަރުކާރުން ސާފުކޮށްދޭން ޖެހޭ ކަމަށާއި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް 'ހިތި ބޭހެއް ބޯންޖެހޭ' ނަމަ އެކަން ވެސް އާންމުންނަށާއި މަޖިލީހަށް ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

"ހަމަ ރަށްރަށުގެ ރައްޔިތުންނަށް އެބަ އެނގެންޖެހޭ ޕްރޮޖެކްޓުތައް ހިނގާނެތޯ ނުވަތަ ނޫންތޯ ވެސް، އިނގޭތޯ؟ އިންތިހާބުގެ މޫސުން ވެސް މިހާރު މިއޮތީ ނިމިފައި އެހެންވީމާ އަޅުގަނޑު ދެންނެވީ އަޅުގަނޑުމެން ހިނގާށޭ ހަމަ ރައްޔިތުން ކައިރީގައި ވެސް ބުނަމާ ހަގީގަތާ ކުރިމަތިލާށޭ، ރިއާލިޓީއާ ކޮންފްރަންޓު ކުރަން ދަސްކުރަންވިއްޔޭ ހަމަ މިހާރު، އެހެންނޫނިއްޔާ އަޅުގަނޑުމެންނަށް އޮތީ ބަނަ ދުވަސްތަކެކޭ،" އޭނާ ވިދާޅުވިއެވެ.

އެއާއެކު ނާޒިމް ވަނީ، އަންނަ އަހަރުގެ ބަޖެޓު ފާސްކުރަން ނޮވެމްބަރު މަހާ ހަމައަށް މަޑުނުކޮށް، ގައުމުގެ މާލީ ހާލަތު ތެދުބަހުން ކިޔައިދިނުމަށް ސަރުކާރަށް އިލްތިމާސްކުރައްވައިފައެވެ.