ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަށް ކުރެއްވި ބަހުސްގައި، ރާއްޖެއާއި މެންބަރުން ނިސްބަތްވެވަޑައިގަންނަވާ ދާއިރާތަކުގެ ސިއްހީ ހާލަތާ މެދު މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރައްވަމުން ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވީ، ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކާއި އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ތިބީ ނިކަމެތި ހާލަތެއްގައި ކަމަށާއި، ވޭތުވެދިޔަ ސަރުކާރާއި މަޖިލީހުން މި ކަންބޮޑުވުންތަކަށް ސަމާލުކަމެއް ނުދޭ ކަމަށެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ވިދާޅުވީ، އޭނާގެ ދާއިރާގެ ހަތަރު ރަށް ކަމަށްވާ ތުޅާދު އާއި ގޮއިދު އާއި ފުޅަދު އާއި ފެހެންދޫގައި ސިއްހީ ހިދުމަތް އެކަށީގެންވާ ފެންވަރުގައި ނުދެވޭ ކަމަށާއި، އެގޮތުން ފުޅަދޫގައި އެކްސްރޭ އާއި ސްކްރީނިން ހިދުމަތެއް ނެތް ކަމަށާއި، ފެހެންދޫގައި ލެބޯޓަރީގެ ހިދުމަތެއް ނުލިބޭ ކަމަށެވެ. އެހެންވެ އޭނާ ވަނީ ސަރުކާރުން މިކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވައިފައެވެ

މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވީ، ޕްރިވެންޓިވް ހެލްތްކެއާގެ ހިދުމަތް މީގެ ކުރިން ރަނގަޅު ފެންވަރެއްގައި ދެވިގެން ދިޔަ ކަމަށާއި، ނަމަވެސް އެ ހިދުމަތަށް ސަމާލުކަން ދެވިފައިވާ މިންވަރު މިއަދު ކުޑަވެއްޖެ ކަމަށެވެ. އޭނާ ވިދާޅުވީ މީގެ ކުރިން ސްކޫލްތަކަށް މިނިސްޓްރީން އައިސް ދަރިވަރުންނަށް ސިއްހީ ނުރަނގަޅު އާދަތަކުގެ މައުލޫމާތު ފޯރުކޮށްދެމުން ދިޔަ ކަމަށާއި، ނަމަވެސް މިއަދު މުޖުތަމައުން އެ މަންޒަރު ނުފެންނަ ކަމަށެވެ.

ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވީ، އުފަން ރަށްރަށުގައި ތިބި ރައްޔިތުންނަށް އެ ރަށްރަށުގައި ތިބެގެން އެންމެ އަސާސީ ކޮލެސްޓްރޯލް ޓެސްޓާއި ބްރެސްޓް ކެންސަރުގެ ޓެސްޓުތައް ނުހެދޭ ކަމަށާއި، ލޭގެ ޕްރެޝަރު މަތިވުމުން ދޭ ބޭސް ވެސް އެ ރަށްރަށުން ނުލިބޭ ކަމަށެވެ. މިހާރު ވެސް އެތައް ރަށެއްގެ ސިއްހީ މަރުކަޒުތަކުގައި ޑޮކްޓަރުންނާއި ނަރުހުން މަދުކަން އޭނާ ފާހަގަކުރެއްވިއެވެ.

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ، މިދިޔަ 15 އަހަރު ދުވަހުގެ ތެރޭ ރަށްރަށުގެ ސިއްހީ ހިދުމަތްތަކުގެ ފެންވަރު ދިޔައީ ދުވަހުން ދުވަހަށް ދަށަށް ކަމަށާއި، ވަށާޖެހޭ ސިއްހީ ހިދުމަތެއް މިއަދު އެއްވެސް ރައްޔިތަކަށް އެކަށީގެންވާ މިންވަރަށް ނުލިބޭ ކަމަށެވެ. އޭނާ ވިދާޅުވީ އައިޖީއެމްއެޗްގައި ފަސް މަސް ނުވަތަ ހަތް މަސް ވަންދެން ވެއިޓްލިސްޓުގައި މަޑުކުރަން ޖެހޭ ކަމަށާއި، އެހެންވެ ޕްރައިވެޓް ހޮސްޕިޓަލްތަކުން ހިދުމަތް ހޯދަން ރައްޔިތުންނަށް މަޖުބޫރުވާ ކަމަށެވެ.

"އޭގެ ނަތީޖާއަކީ ރާއްޖެތެރެއިން އަންނަ ރައްޔިތުމީހާ އަތުން ކޮޓަރީ ލާރި ހަރަދުކުރަން އެބަ ޖެހޭ، ކެއުމުގެ ލާރި ހަރަދުކުރަން އެބަ ޖެހޭ، ބޭސްފަރުވާ އަށް ހަރަދުކުރަން އެބަ ޖެހޭ، އެހެންވީމާ ކިތަންމެ ރަނގަޅު ގާނޫނެއް ހެދި ކަމުގައި ވިޔަސް ކިތަންމެ ރަނގަޅު ގަވައިދެއް ހެދި ކަމުގައި ވިޔަސް، ސަރުކާރު އިހުލާސްތެރިވެގެން ރައްޔިތުންނަށް ރަނގަޅު ސިއްހީ ހިދުމަތެއް ދެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އޭނާ ވިދާޅުވިއެވެ.