ޕީއެންސީގެ މައި ޖަގަހަ ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ.

ޕީއެންސީ ހަރުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ކޮންގްރެސް ކޯލިޝަނުގެ ލީޑަރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެފައިވާއިރު، މި ޖަގަހަ ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

ޕީއެންސީގެ ޖަގަހަ ހުޅުވި ތަނުގައި މީގެ ކުރިން ހިންގަމުން އައީ އެމްޑީޕީގެ ހަރުގެއެކެވެ. މި ހަރުގޭގައި އެމްޑީޕީ އިން ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްވެސް ބައިވެރިވެވަޑައިގަންނަވާއިރު، އެމްއެންޕީގެ ލީޑަރު ކާނަލް މުހައްމަދު ނާޒިމް އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ޕީއެންސީގެ ޖަގަހަ ހުޅުވުމަށް އާޓިފިޝަލް ސަރަހައްދާ އިންވެގެން އޮންނަ ބޮޑުތަކުރުފާނު މަގުވެސް ވަނީ މިރޭގެ 11:00 އާއި ހަމައަށް ބަންދު ކޮށްފައެވެ.