100 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ ދައުވާ ކުރަން ފޮނުވާފައިވާ މީހަކު، އަނެއްކާވެސް މަސްތުވާތަކެއްޗާ އެކު އަތުލައިގެންފިއެވެ.

ފުލުހުން ބުނީ އަތުލައިގެންފައިވަނީ ދ. ބަނޑިދޫ، ޕޮލަރިސް، މުހައްމަދު ހުސައިން (64އ) ކަމަށެވެ. 100 ކިލޯގެ މަސްތުވާތަކެތި އަތުލާފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް، ޑްރަގް އިންޓެލިޖެންސް، މެރިން ޕޮލިސް އަދި ފޮރެންސިކް ފުލުހުން ގުޅިގެން އޮކްޓޯބަރު 13، 2021 ގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައެވެ.

މި 100 ކިލޯގެ މަސްތުވާތަކެއްޗަކީ މާލޭގެ ބައެއް ގޭގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކޮށް އަތުލައިގަނެފައިވާ ތަކެއްޗެވެ. އަދި މި ތަކެއްޗާ ގުޅުން އޮތް ކަމުގެ ތުހުމަތުގައި 10 މީހަކު 2021 ވަނަ އަހަރު ފުލުހުން ހައްޔަރު ކުރި އިރު، މުހައްމަދު ހުސައިން އަކީ މީގެ ތެރެއިން އެކަކެވެ.

މުހައްމަދު ހުސައިން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މީނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ތެރޭގައި އެއް ރަށުން އަނެއް ރަށަށް މަސްތުވާތަކެތި ގެންދިޔުން ހިމެނެއެވެ.