އައްޑޫގައި މަސްވެރިން ކުރަމުންދާ އިހުތިޖާޖާ ގުޅިގެން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި އެތަނުގައި ހުރި ޕަވާ ހައުސްގައި ފުލުހުން ޑިއުޓީ ކުރަން ފަށައިފިއެވެ.
މިފްކޯއިން ބުނީ، ފުލުހުންގެ އެދުމުގެ މަތިން ފުލުހުންގެ ހިމާޔަތުގައި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ހުރިހާ ބަޔަކަށް މިއަދު ހަވީރު 5:30 ހާއިރު ކަރަންޓު ދީފައިވާ ކަމަށެވެ. އަދި އެ ތަނާއި އެތަނަށް ކަރަންޓު ފޯރުކޮށްދޭ ޕަވާ ހަައުސްގައި ފުލުހުން ޑިއުޓީ ކުރަމުން އަންނަ ކަމަށް ވެސް މިފްކޯއިން ބުނެއެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ބައެއް ދޯނި ފަހަރުތަކުން ހިންގަމުންދާ އިހުތިޖާޖުގައި އެ ފެސިލިޓީގައި ހުރި މިފްކޯގެ މުދަލަށް ގެއްލުންދީ، މުވައްޒަފުންގެ އަސާސީ ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅޭހެން އަމަލުތައް ބަހައްޓަމުން ގެންދާ ކަމަށް މިފްކޯއިން ބުނެފައި ވެއެވެ. އަދި އެކަން ހައްލު ކުރުމަށް އެ ކުންފުންޏާއި، ކަމާގުޅޭ ފަރާތްތައް ގުޅިގެން މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
އެ ކުންފުނީގެ މަސް ރައްކާކުރާ ކޯލްޑް ސްޓޯރޭޖާއި ޕަވާ ހައުސް އިމާރާތާއި، މުވައްޒަފުން ދިރިއުޅެން ކަނޑައަޅާފައިވާ ސަރަހައްދު ފަދަ ހުއްދަ ލިބިގެން ނޫނީ ވަނުން މަނާ ސަރަހައްދުތަކަށް އ،ިހުތިޖާޖގެ ބައިވެރިން ވަނީ ވަދެފައެވެ. އެ ތަނުގެ އޮޕަރޭޝަން ހުއްޓޭ ފަދަ ގޮތަކަށް އިހުތިޖާޖުގެ ބައިވެރިންގެ އަމަލުތައް ބަހައްޓާފައިވާ ކަމަށް ވެސް މިފްކޯއިން ބުނެއެެވެ. އެގޮތުން މުވައްޒަފުންގެ ކެންޓީނަށް ގެއްލުންދީ، އެކޮމޮޑޭޝަން އޭރިއާއަށް ރޭގައި ކަރަންޓު ދޭން ފުރުސަތު ދީފައި ނުވުމާއި، ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކެއުމާއި، ނިދުމާއި ފާހާނާ ކުރުން ފަދަ ޒަރޫރީ ކަންކަމަށް ބުރޫ އަރާފައިވާ ކަމަށް ވެސް މިފްކޯއިން ބުނެއެވެ.
މި ސަބަބާ ހުރެ މިފްކޯއިން ވަނީ ފިޔަވަޅެއް ވެސް އަޅާފައެވެ. އެގޮތުން އެތަން އޮޕަރޭޝަނަށް ގެނެސް އާންމު ހާލަތަކަށް ގެނައުމަށް އެ ކުންފުނީގެ މުވައްޒަފުން ކުރަމުން ގެންދާ މަސައްކަތްތަކާއި، ފުލުހުންގެ ޒިންމާތަކަށް ހުރަސް އަޅާ ދޯނި ފަހަރުން މަސްގަތުން ތިން މަސް ދުވަހަށް ސަސްޕެންޑު ކުރަން މިފްކޯއިން ވަނީ ނިންމާފައެވެ.