އައްޑޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާއާ ގުޅިގެން އައްޑޫ ފިޝަރީޒް ކޮމްޕެލެކްސް އޮޕަރޭޝަނަށް ގެނައުމަށް ކުރާ މަސައްކަތަށް ހުރަސް އަޅާ މަސް ދޯނި ފަހަރުން މަސް ގަތުން 3 މަސް ދުވަހަށް ސަސްޕެންޑް ކުރާނެ ކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ބައެއް ދޯނި ފަހަރުތަކުން ހިންގަމުންދާ އިހުތިޖާޖުގައި އެ ފެސިލިޓީގައި ހުރި މިފްކޯގެ މުދަލަށް ގެއްލުންދީ، މުވައްޒަފުންގެ އަސާސީ ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅޭހެން އަމަލުތައް ބަހައްޓަމުން ގެންދާ ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް އެ ކުންފުންޏާއި، ކަމާގުޅޭ ފަރާތްތައް ގުޅިގެން މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. އެ

ގޮތުން އެތަން އޮޕަރޭޝަނަށް ގެނެސް އާންމު ހާލަތަކަށް ގެނައުމަށް އެ ކުންފުނީގެ މުވައްޒަފުން ކުރަމުން ގެންދާ މަސައްކަތްތަކާއި، ފުލުހުންގެ ޒިންމާތަކަށް ހުރަސް އަޅާ ދޯނި ފަހަރުން މަސްގަތުންތިން މަސް ދުވަހަށް ސަސްޕެންޑު ކުރެވޭނެ ކަމަށް ވެސް މިފްކޯއިން ބުނެއެވެ.

އިހްތިޖާޖުގައި އެތަނަށް ލިބިފައިވާ ގެއްލުންތައް ހާމަ ކުރަމުން މިފްކޯއިން ބުނީ، ކުންފުނީގެ މަސް ރައްކާކުރާ ކޯލްޑް ސްޓޯރޭޖާއި ޕަވާ ހައުސް އިމާރާތާއި، މުވައްޒަފުން ދިރިއުޅެން ކަނޑައަޅާފައިވާ ސަރަހައްދު ފަދަ ހުއްދަ ލިބިގެން ނޫނީ ވަނުން މަނާ ސަރަހައްދުތަކަށް ވަދެ، ތަނުގެ އޮޕަރޭޝަން ހުއްޓޭ ފަދަ ގޮތަކަށް އިހުތިޖާޖުގެ ބައިވެރިންގެ އަމަލުތައް ބަހައްޓާފައިވާ ކަމަށެވެ. އެގޮތުން މުވައްޒަފުންގެ ކެންޓީނަށް ގެއްލުންދީ، އެކޮމޮޑޭޝަން އޭރިއާއަށް ރޭގައި ކަރަންޓު ދޭން ފުރުސަތު ދީފައި ނުވާތީ، ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކެއުމާއި، ނިދުމާއި ފާހާނާ ކުރުން ފަދަ ޒަރޫރީ ކަންކަމަށް ބުރޫ އަރާފައިވާ ކަމަށް ވެސް މިފްކޯއިން ބުނެއެވެ.

އައްޑޫގައި މަސްވެރިން ކުރާ އިހުތިޖާޖުގައި މަސްވެރިން ވަނީ އެމީހުންނަށް ދޭން ޖެހޭ ފައިސާ ނުދީ ލަސްވަމުންދާ ކަމުގެ ޝަކުވާ އުފުލާފައެވެ. މި ކަމާ ގުޅިގެން މިފްކޯއިން ބުނީ، މިދިޔަ އަހަރު ނިމުނު އިރު މަސްވެރިންނަށް ނުދެއްކި ހުރި 234 މިލިއަން ރުފިޔާ ހަލާސްކޮށް، މި އަހަރުގެ މިހާތަނަށް މަސް ދޯނިފަހަރަށް 766 މިލިއަން ރުފިޔާ ވަނީ ދައްކާފައި ކަމަށެވެ. މިފްކޯއަށް މަސް ގަންނަނީ ކިލޯއަކަށް 8 ރުފިޔާގެ ގެއްލުމެއްގައި ކަމުން، މަސް ދޯނި ފަހަރުން މިފްކޯއަށް ކިރުވާފައިވާ މަަހަށް ދައްކަން ޖެހޭ ފައިސާ ދައްކަން ޖެހެނީ ސަރުކާރަށް ބަރޯސާ ވެގެން ކަމަށް ވެސް އެ ،ކުންފުނިން ބުނެއެވެ.

އެހެންކަމުން އިތުރަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރާއެ ކީ މަސައްކަތް ކުރަމުން ގެންދާ އިރު، ފައިސާ ދެއްކުން ލަސްވެގެން ދިއުމަކީ ހިތާމަކުރާ ކަމެއް ކަމަށް މިފްކޯއިން ބުނެއެވެ. އަދި މިކަމާ ގުޅިގެން ގާނޫނީ އިމުގެ ތެރެއިން ކުރެވޭ އިހުތިޖާޖުތައް ބަލައިގަންނަ ކަމަށާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މިހާރު ހިނގަމުންދާ އިހުތިޖާޖުތަކާއި ގުޅިގެން ތަނުގެ އޮޕަރޭޝަން ހުއްޓި މާލީ ގޮތުން ގެއްލުން ވަމުން ދާތީ، ތަން އޮޕަރޭޝަނަށް ގެނައުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް މިފްކޯއިން ބުނެއެވެ.