އައްޑޫ ސިޓީ އަށް ދާއިމީ ގޮތެއްގައި ޕެރިޝަބަލް ކާގޯ ގެންދެވޭނެ އިންތިޒާމުތައް މިހާރު ހަމަޖެހިފައި ވާކަމަށާ، އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ހިދުމަތް ލިބޭނެ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން ވަޖީހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ސިޓީ ގެ ރައްޔިތުންނަށް ބޭނުންވާ ޕެރިޝަބަލް ކާގޯ ދާއިމީ ގޮތެއްގައި ގެންދެވޭނެ ގޮތް ހަމަޖެއްސުމަށް، އެމްޕީއެލް އާއި ހިތަދޫ ރީޖަނަލް ޕޯޓުން ކުރި މަސައްކަތް ކާމިޔާބުވެފައި ވާކަމަށެވެ.

އެގޮތުން ރާއްޖެ އަށް އެންމެ ގިނައިން ޕެރިޝަބަލް ކާގޯ ގެންނަ އިންޑިޔާގެ ފައިނޭސް ގުރޫޕް މެދުވެރިކޮށް މި ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު ވަޖީހު ވިދާޅުވީ މީގެ ކުރިން މި ހިދުމަތް ދެމުން ގޮސްފައި ވަނީ ލަކުޑި ބޯޓު ފަހަރުން ކަމަށެވެ. އެހެންކަމުން އޭރު މި ހިދުމަތް ދެވެނީ، އަހަރު ތެރޭގައި ވަކި ދުވަސް ތަކެއްގައި ކަމުން، އަހަރުތެރޭ ގިނަ ދުވަސްތަކުގައި އައްޑޫ ސިޓީ އަށް ބޭނުންވާ، މި މުދާ ގެންދަން ޖެހެނީ މާލެއިންކަން ވަޖީހު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ވަޖީހު ވިދާޅުވީ އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އައްޑުއަށް މި ހިދުމަތް ދެވޭނީ ދަގަނޑު ބޯޓު ފަހަރުން ކަމަށްވާތީ، މުޅި އަހަރު ތެރޭ ހުރިހާ ދުވަސް ތަކެއްގައިވެސް މެދުކެޑުމެއްނެތި، މި ހިދުމަތް ލިބެމުން ދާނެކަމަށެވެ. "އާއްމު ގޮތެއްގައި މި ބޯޓު ފަހަރުން ގެންދާނީ، ބިސް، ފިޔާ، އަލުވި، ތަރުކާރީ ގެ އެހެން ބާވަތް ތަކާއި، މޭވާގެ ބާވަތްތައް" ވަޖީހު ވިދާޅުވިއެވެ.

އިތުރަށް ވަޖީހު ވިދާޅުވީ ޕެރިޝަބަލްގެ އިތުރުން، އައްޑޫ ސިޓީ ގެ ރައްޔިތުން އިންޑިއާ އިން ގެންނަން ބޭނުންވާ ކާބޯތަކެތީގެ އެހެނިހެން ބާވަތްތަކާ، ޖެނެރަލް ކާގޯ ގެ ބާވަތްތައްވެސް ގެނެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ވާކަމަށެވެ. އަދި މި ދަތުރުތައް ރާވަމުން ދަނީ ކޮންމެ 10 ދުވަހަކާ، 15 ދުވަހާ ދޭތެރޭ ކާގޯ ބޯޓެއް އައްޑޫ ސިޓީ އަށް ދާ ގޮތަށް ކަމަށް ވަޖީހު ވިދާޅުވިއެވެ.

ކުރީ ސަރުކާރުންވެސް އިންޑިއާގެ ޓުޓިކޮރިން އިން އައްޑޫ އާ ދެމެދު ކާގޯގެ ހިދުމަތް ފެށި ނަމަވެސް އެކަން އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދެވިފައެއް ނުވެއެވެ.