ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ދެވަނަ ރައުންޑްގެ އެންމެ ފަހު މެޗުގައި ރޯމޭނިއާ އަތުން ބެލްޖިއަމް މޮޅުވެއްޖެއެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ސްލޮވާކިއާ އަތުން ބަލިވި ބެލްޖިއަމް ރޯމޭނިއާ ބަލިކުރީ 0-2 އިންނެވެ. މުބާރާތުގައި ރޯމޭނިއާއިން ކުޅުނު ފުރަތަމަ މެޗުގައި 3-0 އިން ޔޫކްރެއިން ބަލިކުރުމާއެކު މިމެޗުގައި ވެސް އެޓީމުން މޮޅު ކުޅުމެއް ދައްކާނެ ކަމަށް ބެލެވުނެވެ.

އެހެން ނަމަވެސް މެޗުގެ ފެށުމަށް ރެފްރީ ކަށިގަނޑު ފުމެލުމާއެކު ވެސް މެޗު ކޮންޓްރޯލްކޮށްގެން މޮޅަށް ކުޅެމުން ދިޔައީ ބެލްޖިއަމުންނެވެ. އަދި އެޓީމުން ވަނީ މެޗު ފެށިތާ ދެވަނަ މިނެޓްގައި ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޔޫރީ ޓިއަލިމަންސްއެވެ. މި ގޯލަށް ފަހު ވެސް ގިނަ ހަމަލާތައް އުފައްދާ ލަނޑު ޖަހާނެ ފުރުސަތުތައް ހޯދަމުން ދިޔައީ ބެލްޖިއަމުންނެވެ.

މެޗުގެ ދެވަނަ މިނެޓްގައި ޔޫރީ ޓެލިމަންސް ޖަހާ ދިނީ ބެލްޖިއަމް އިން މިމުބާރާތުގައި ޖެހި ފުރަތަމަ ލަނޑު/ފޮޓޯ: އެކްސް

އެހެން ނަމަވެސް މެޗުގެ ސްކޯ 0-1 ގައި އޮވެގެން ފުރަތަމަ ހާފް ނިމިގެން ދިޔަ އިރު މެޗުގެ ދެވަނަ ހާފްގައި ރޯމޭނިއާއިން ކުޅުން ވަރުގަދަކުރިއެވެ. އަދި ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތެއް އުފެއްދި ނަމަވެސް ދެން ވެސް މިމެޗުގައި ލަނޑު ޖެހީ ބެލްޖިއަމުންނެވެ.

ބެލްޖިއަމްގެ މިޑްފީލްޑުން ދިން ތްރޫ ބޯލެއް ރޯމޭނިއާގެ ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ރޮމާލޫ ލުކާކޫއެވެ. އެހެން ނަމަވެސް ލަނޑު ޖެހުމުގެ ކުރިން ލުކާކޫ ހުރީ އޮފްސައިޑްގައި ކަމަށް ނިންމާ މެޗުގެ ވީޑިއޯ އެސިސްޓަންޓް ރެފްރީ ވަނީ މިލަނޑު ކެންސަލްކޮށްފައެވެ.

ބެލްޖިއަމްގެ ދެވަނަ ލަނޑު ޖަހާ ދިނީ ކެޕްޓަން ޑެ ބްރައިނާ/ފޮޓޯ: އެކްސް

ބެލްޖިއަމް މެޗުގެ 80 ވަނަ މިނެޓްގައި އަނެއްކާވެސް ލަނޑެއް ޖެހި އިރު މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ކެޕްޓަން ކެވިން ޑެބްރައިނާއެވެ. މިސްކޯލައިނާއެކު މެޗު ނިމުނެވެ. އަދި ގްރޫޕް އީގެ ކޮންމެ ޓީމަކުން ދެ މެޗު ކުޅެފައިވާ އިރު އެގްރޫޕްގެ ތާވަލު މިފެންނަނީ ތަފާތުކޮށެވެ. މިގޮތުން، އެގްރޫޕްގައި ހިމެނޭ ހުރިހާ ޓީމެއް ވެސް ކޮންމެ އެއް މެޗަކުން މޮޅުވެފައިވާ އިރު ހުރިހާ ޓީމެއް ވެސް އޮތީ ތިން ޕޮއިންޓްގައެވެ. ފަރަގީ ހަމައެކަނި ޖެހި ގޯލާއި ބައިކޮޅަށް ވަތް ގޯލެެވެ. އެހެން ކަމުން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ހަތަރު ޓީމަށް ވެސް އަދި އެބައޮތެވެ.