އަބަދުވެސް މަސްވެރިންގެ ކަންކަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވެފައި ވަނީ މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބޭ ކަމަށް ބުނެ އައްޑޫ ހުޅުމީދޫ މިފްކޯ ބަނދަރުގައި މަސްވެރިން އިހުތިޖާޖު ކުރަމުން ދިޔުމާ ގުޅިގެންނެވެ.

އިއްޔެ އިން ފެށިގެން މަސްވެރިން އިހުތިޖާޖު ކުރަމުން ދާއިރު އިހުތިޖާޖުގެ ބައިވެރިން ގޮވާލަމުން ދަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ މިހާރުން މިހާރަށް ދިނުމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ކިރުވާ މަހަށް ކޮންމެ 15 ދުވަހަކުން ފައިސާ ދިނުމަށް ސަރުކާރުން އެއްބަސްވުމަށެވެ. އަދި މުޒާހަރާއާ ގުޅިގެން އެކަށީގެންވާ ޖަވާބެއް ނުލިބިއްޖެ ނަމަ، މަސް ފެކްޓަރީގެ ހުރިހާ ސީނިއާ މުވައްޒަފުން ފެކްޓްރީން ބޭރުކޮށް މަސް ކެއްކުމަށް ހުރަސް އަޅާނެ ކަަމުގެ އިންޒާރުވެސް އެމީހުން ވަނީ ދީފައެވެ.

މި މައްސަލަ އާއި ގުޅިގެން މިނިސްޓަރު ޝިޔާމް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ސަރަހައްދުގައި ކުރިޔަށްދާ އިހުތިޖާޖު ފެށުމުގެ ކުރިންވެސް އަދި މިހާރުވެސް ސަރުކާރުން ދަނީ އެކަންކަން ވަރަށް ގާތުން ބަލަމުން ކަމަށެވެ. އަދި އެ ކަމާ ގުޅޭ ތަފްސީލް މަސްވެރިންނާވެސް ހިއްސާ ކުރަމުންދާ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ކުރިންވެސް އަދި މިހާރުވެސް ސަރުކާރުން ދަނީ ވަރަށް ގާތުން ބަލަމުން އަޑުއަހަމުން އަދި އެކަމުގައި މިފްކޯ އަދި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތަފްސީލުވެސް މިދަނީ ހިއްސާ ކުރަމުން.
މިނިސްޓަރު ޝިޔާމް

ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް މިނިސްޓަރު ހިއްސާ ކުރައްވާފައި ނުވެއެވެ.

އައްޑޫ ސިޓީގައި މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި އިހުތިޖާޖު ކުރަމުން ދާއިރު ދާދިފަހުން މަސްވެރިން ވަނީ ގދ. މަޑަވެލީގެ އިތުރުން މާލޭގައި ވެސް އިހުތިޖާޖެއް ކޮށްފައެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ އެ އިހުތިޖާޖުތަކާ ގުޅިގެން ސަރުކާރުން ވަނީ މަސްވެރިންނަށް ނުދީ ހުރި 80 މިލިއަން ރުފިޔާގެ ތެރެއިން 46 މިލިއަން ރުފިޔާ ދޫކޮށްފައި ވާކަމަށް ބުނެފައެވެ.

މަސްވެރިން ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދައްކާ ނިޒާމެއް ގާއިމު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް ރާއްޖޭގެ މާލީ ހާލަތު ހުރި ގޮތުން އެ ފައިސާ ދިނުމުގައި ދަތިތަކެއް ދިމާވާ ކަމަށް ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމް ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.

ރައީސް މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު ކުރީ ސަރުކާރުން މަސްވެރިންނަށް ނުދީ ހުރި 851 މިލިއަން ރުފިޔާ އެމަނިކުފާނުގެ ސަރުކާރުގައި ވަނީ ދޫކޮށް ހަލާސްކޮށްފައިކަން ފާހަގަ ކުރެވެއެވެ.