ލަސްތަކެއް ނުވޭ ރާއްޖޭގެ އެކި ކަންކޮޅުތަކުން ދުބާއީގެ މަންޒަރުތައް ފެންނަން ފަށާނެ ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިރޭ ތ. ވޭމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އާދަމް ޝަރީފް އުމަރުގެ ވާހަކައިގައި ވަނީ މި ސަރުކާރުން ރާވާ ހިންގަމުންދާ މަސައްކަތްތަކާއި ރައީސް މުއިއްޒުގެ ތަސައްވުރަށް އަލިއަޅުއްވައި، ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. އެގޮތުން މި ސަރުކާރު އައިތާ ވީ މަދު ދުވަސްކޮޅުގެ ތެރޭގައި ކުރައްވަމުން ގެންދަވާ މަސައްކަތްތައް އެންމެ ގާތުން ފެނިވަޑައިގަންނަވާ ކަން ފާހަގަ ކުރައްވަމުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ދުބާއިގެ މަންޒަރުތައް ފެންނަން ފަށާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. މާލެއާއި މާލޭ ކައިރި ހިސާބުތަކާއި ރާއްޖޭގެ އެކި ސަރަހައްދުތަކުން އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުން މި ކުލަވަރު ދައްކައިދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ތަފާތު ފިކުރުތައް ތަފާތު ވިސްނުންތައް ހޯއްދަވައިގެން ތަފާތު ބޭފުޅުންނާ މަޝްވަރާ ކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާ އެ ވަޑައިގަންނަވަނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދެއްވުމަށް މަސައްކަތް ކުރެއްވުމަށް ކަމަށެވެ. ތ އަތޮޅުން ވެސް އެމަނިކުޔފާނު ވަޑައިގަންނަވާ ކޮންމެ ރަށަކަށް ވެސް އެމަނިކުފާނު ވަރަށް ބޮޑު އުންމީދެއް ދެއްވާކަން އާދަމް ޝަރީފް ފާހަގަ ކުރައްވަމުން ވިދާޅުވީ، ރައީސް ވަޑައިގަންނަވަނީ އެ ކަންކަމުގައި ހަގީގީ ކުލަ ޖެހޭނެ ކަން ހާމަކުރައްވާ އެ މަސައްކަތްތަކުގެ ތަފްސީލް ދެއްވަމުން ކަމަށެވެ.

ސިޔާސީ މަސައްކަތުގައި އާދަމް ޝަރީފް މަސައްކަތް ކުރައްވާތާ 43 އަހަރުވެފައިވާ އިރު، މި ސަރުކާރު އައިސްގެން ވޭތުވެ ދިޔަ މުއްދަތުގެ ތެރޭގައި ރައްޔިތުން ބޭނުންވާ ވަރުގެ ތަރައްގީގެ ހަރުދަނާ ތަސައްވުރެއް ފެންނަން މި ފެށީ އަދި ކިރިޔާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. މީ ހަމަ ޔަގީނުން ވެސް ރާއްޖޭގެ ކޮންމެ ރައްޔިތަކު ވެސް އުފާ ކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.