ފީފާއިން، މޯލްޑިވްސް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް 9 މަސް ދުވަހަށް ސަސްޕެންޑު ކޮށްފިއެވެ.
ފީފާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިނިވަން އެތިކްސް ކޮމިޓީން ބައްސާމް ސަސްޕެންޑް ކުރުމަށް ނިންމާފައިވަނީ ފީފާގެ ކޯޑް އޮފް އެތިކްސްގެ 86 ވަނަ މާއްދާގެ ދަށުން ކަމަށެވެ.
އަދި މި ނިންމުމަކީ މަނީ ލޯންޑާ ކުރުމާއި ކޮރަޕްޝަނާއި އަދި ޖިނާއީ އިތުރު ކުށްތަކެއް ކޮށްފައިވާކަމުގެ ތުހުމަތުގައި ރާއްޖޭގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނެރުނު އަމުރެއްގެ ދަށުން އެފްއޭއެމް ހައުސް ބަލާ ފާސްކުރުމާއި ގުޅިގެން ކުރެވުނު ތަހުގީގުގެ މައްޗަށް ބެލުމަށްފަހު ނިންމާފައިވާ ނިންމުމެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އަދީ ފީފާއިން ހިންގި ތަހުގީގުން ނުރަނގަޅު ކަންތައްތަކެއް ހިންގާފައިވާކަން ފާހަގަ ކުރެވޭ ކަމަށާއި އެކަންތައް އިތުރަށް ބެލުމަށްވެސް ފީފާއިން ވަނީ ނިންމާފައެވެ. އެގޮތުން އެފްއޭއެމްގެ އެންމެ އިސްވެރިއެއްގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ހަދިޔާ ހޯދުމާއި ރާއްޖެ އަށް ލިބޭ ފައިސާ ނަަހަަމަ ގޮތުގައި ބޭނުންކުރުމުގެ ކަންތައްތަކެއް ކޮށްފައިވާ މައްސަލަ ވެސް ހިމެނެއެވެ. ބައްސާމް 9 މަސް ދުވަހަށް ސަސްޕެންޑް ކުރިކަން އޭނާ އަށް މިއަދު އަންގާފައިވާ ކަމަށްވެސް ފީފާއިން ވަނީ ބުނެފައެވެ.
ބައްސާމް ސަސްޕެންޑު ކޮށްފައިވާއިރު އޭނާ މިހާރު ހުރީ ފުޓްބޯޅައިގެ މައި އިދާރާގެ ރައީސް ކަމުގެ ދެވަނަ ދައުރުގައެވެ. އޭނާގެ މި ދައުރު ހަމަވާނީ އަންނަ މަހުގެ ދެވަނަ ދުވަހަށެވެ.
ބައްސާމްގެ މައްޗަށް ދައުލަތުން ވަނީ މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވާއިރު، އެ ދައުވާ އުފުލާފައިވަނީ 9،999 އެމެރިކާ ޑޮލަރު އޭނާގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާގެ ތެރެއިން 1,910 އެމެރިކާ ޑޮލަރު ސެޕްޓެމްބަރު 2، 2018 ގައި އަމިއްލަ މީހެއްގެ އެކައުންޓަކަށް ޖަމާކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ގްލޭސިއާ އިންވެސްޓްމަންޓްސްގެ ކަންކަމަށް ބޭނުންކޮށްފައި ވާތީއެވެ.
މީގެ އިތުރުން އޭނާ ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފުލެޓުގެ އެޕާޓްމެންޓުގެ ކުލި ދައްކަން ވެސް އޭގެ ތެރެއިން 2،000 ޑޮލަރު ބޭނުން ކޮށްފައިވާ ކަމަށް ދައުލަތުން ކުރާ ދައުވާގައިވެއެވެ. ބައްސާމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާތައް ސާބިތުވެއްޖެ ނަމަ އެއް ލައްކަ ރުފިޔާ އާއި އެއް މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލާނެއެވެ.
އޭނާގެ މައްޗަށް ކުރެވޭ ހިޔާނާތުގެ އިތުރު މައްސަލަތަކެއް ވެސް ފުލުހުން ގެންދަނީ ބަލަމުންނެވެ.