ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި މިއަދު ސްލޮވޭނިއާއާ ސާބިއާ ވާދަކުރި މެޗު 1-1 އިން އެއްވަރު ވެއްޖެއެވެ.
ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ދެޓީމުން ވެސް ސީދާ ގޯލަށް އަމާޒުކޮށް ޖުމްލަ 8 ހަމަލާއެއް ފޮނުވާލި އިރު ސާބިއާގެ ތަޖުރިބާކާރު ފޯވަޑް އެލެގްޒެންޑާ މިޓްރޮވިޗް އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިފައެވެ.
އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމި ދެވަނަ ހާފްގެ ވެސް ބޮޑު ބައި ނިމުނު އިރު ވެސް ސްކޯ 0-0 އެއްގައި އޮތުމުން މިއީ މިމުބާރާތުގައި ލަނޑެއް ނުޖެހި ނިމޭނެ ފުރަތަމަ މެޗުހެން ހީވިއެވެ. އެހެން ނަމަވެސް މެޗުގެ 69 ވަނަ މިނެޓްގައި ސްލޮވޭނިއާގެ ޑިފެންޑަރު ޒާން ކަރްނިކްނިޗް ފެށި ކައުންޓާ އެޓޭކެއް އޭނާ ނިންމާލީ ސާބިއާގެ ގޯލަށް ޖެހި ލަނޑާއެކުއެވެ.
އެއަށް ފަހު ސާބިއާއިން ކުޅުން ވަރުގަދަ ކުރި އިރު ލަނޑު ޖަހާނެ މާ ގިނަ ފުރުސަތެއް ނުލިބެއެވެ. އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓްގެ ތެރެއިން އެންމެ ފަހު މިނެޓް ސާބިއާއަށް ކޮނަރެއް ލިބުނު އިރު އެޓީމުން ލަނޑު ޖެހީ އެކޯނަރުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ފޯވަޑް ލޫކާ ޖޮވިޗްއެވެ. މިލަނޑަށް ފަހު ރެފްރީ މެޗު ނިންމާލި އިރު މި ނަތީޖާއާއެކު ސާބިއާއަށް މިވަނީ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އަލުން އާވެފައެވެ. ގްރޫޕް ސްޓޭޗްގެ ފުރަތަމަ މެޗުގައި އިންގްލޭންޑް އަތުން ހަނި ގޮތަކަށް ބަލިވި ސާބިއާއަށް އެއް ޕޮއިންޓް ލިބިފައިވާ އިރު މި ބުރުގައި ގުޅޭ އެންމެ ފަހު މެޗުގައި ޑެންމާކް ބަލިކޮށްފިނަމަ ސާބިއާއަށް ދެވަނަ ބުރަށް ދެވިދާނެއެވެ.
މެޗުގެ ފަހު މިނެޓްގައި ބައިކޮޅަށް ގޯލަށް ވަނުމުން އެކަމުގެ މާޔޫސްކަން ސްލޮވޭނިއާގެ ކުޅުންތެރިންގެ މޫނުމަތިން ފެނުނު އިރު އެޓީމަށް ވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އަދި ނުގެއްލެއެވެ. އެހެން ނަމަވެސް އެޓީމުން ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ވާދަކުރަން ޖެހޭނީ ގްރޫޕްގެ އެއްވަނައިގައި މިވަގުތު އޮތް އިންގްލެންޑާއެވެ.
މިރޭ ނުވައެއް ޖަހާ އިރު މި ގްރޫޕްގެ އަނެއް މެޗުގައި އިންގްލޭންޑް ވާދަކުރާނީ ޑެންމާކާ ދެކޮޅަށެވެ.