ހަމާސް ބަލިކޮށް ނައްތާލެވޭނެ ކަމަށް ބުނެ ނަތަންޔާހޫ ދައްކާ ވާހަކަ އަކީ މީހުންގެ ލޮލަށް ވެލިޖެހުން ފަދަ ކަމެއް: ހަގާރީ
އިޒްރޭލުން ގާޒާ ހަނގުރާމަ ފެށިތާ 9 މަސްވެފައި ވަނިކޮށް ހަމާށް ބަލި ނުކުރެވޭނެ ކަމަށް އިޒްރޭލުގެ އަސްކަރީ ތަރުޖަމާން ރެއާ އެޑްމިރަލް ޑެނިއަލް ހަގާރީ ބުނެފިއެވެ.
އިޒްރޭލުގެ ވެރިންނާ ހިލާފަށް ހަގާރީ މިމޭރުމުން ވާހަކަ ދައްކާފައިވަނީ އިޒްރޭލުގެ ޗެނަލް, ޗެނަލް13 އަށް ދިން އިންޓަވިއުއެއްގައެވެ.
އޭނާ ބުނީ, ހަމާސް ނައްތާލުމުގެ ވާހަކަ އާއި ގެއްލުވާލައި ވާހަކަ ދެއްކުމަކީ އާންމުގެ ލޮލަށް ވެލިޖެހުން ފަދަ ކަމެއް ކަމަށެވެ.
"ހަމާސް އަކީ އައިޑިއާއެއް, ހަމާސް އަކީ ޕާޓީއެއް, އާންމުންގެ ހިތްތަކުގެ އެންމެ ފުނުން ފެށިފައި ވަނީ, ހަމާސް ނައްތާލެވިދާނެ ކަމަށް އެއްވެސް މީހަކަށް ހީވުމަކީ ކުށް ހީއެއް"
ހަގާރީގެ މިވާހަކަތާއެކު އިޒްރޭލު ލީޑާޝިޕްގެ އެންމެ ފުނުން މައްސަލަތައް ފަޅަފަޅައިގެން ދާތަން ފެންނަ އިރު, ހަގާރީގެ ވާހަކައަށް ރައްދު ދީ ނަތަންޔާހޫގެ އޮފީހުން ބުނެފައި ވަނީ, ހަނގުރާމައަށް އެކުލަވާލި ސެކިއުރިޓީ ކެބިނެޓުން ވަނީ އަމާޒެއް ކަނޑައަޅާފައި ކަމަށާއި އެއީ ހަމާސް ނައްތާލުން ކަމަށެވެ. އަދި އެއްވެސް ހާލެއްގައި ހަމާސް އަށް އޮޕަރޭޓް ނުކުރޭނެކަން ޔަގީން ކުރުމަކީވެސް އޮތް ނިންމުމެއް ކަމަށެވެ.
އެހެން ކަމުން, އެ ނިންމުމާ އެއްގޮތަށް ނަތީޖާ ހާސިލު ކުރުމަށް ރެއާއި ދުވާލު މަސައްކަތް ކުރާނެ ކަމަށާއި މިހާރުވެސް ކުރަނީ އެމަސައްކަތްތައް ކަން ހާމަ ކުރަމުން ކުރިއަށް އޮތް ތާނގައިވެސް ތިބޭނީ އެކަން ކުރުމުގައި ކަމަށް ބުނެފައި ވެއެވެ.
އަދި ހަގާރީ ދެއްކި ވާހަކަ އަކީ, ހަމާސް އަކީ އައިޑިއަލޮޖީއެއް ނުވަތަ ވިސްނުމެއް ކަމަށް ބުނެދިނުމަށް ދެއްކި ވާހަކައެއް ކަމަށާއި އެހެން ތަރުޖަމާއެއް ފަތުރަނީ މާނަ އޮޅުވާޅުމަށް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
ހަގާރީގެ މިވާހަކަތައް ތިލަވެގެން އައިއިރު, ނަތަންޔާހޫއާއި އެންމެ އަރިސް ބައެއް މެންބަރުންނާ ދެމެދު ހަނގުރާމައާ ގުޅިގެން ހިޔާލުތަފާތުވުންތައް އުފެދެމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. އޭގެ އެއް ހެއްކަކީ, ހަނގުރާމައިގެ ކެބިނެޓުގައި ހިމެނޭ އިދިކޮޅު ލީޑަރުގެ އިސްތިއުފާއެވެ. އެއާއެކު ދެން ތިބި ހަރުކަށި 2 ވަޒީރުން ނަތަންޔާހޫ އަށް ދެމުން ގެންދާ އިންޒާރަކީ ވެސް ހެއްކެކެވެ. އެމީހުން ބުނަމުން ދަނީ ހަމާސް އާ އެކު ސުލްހަ ވެއްޖެ ނަމަ ނަތަންޔާހޫގެ ސަރުކާރު ވައްޓާލާނެ ކަމަށެވެ.
އިޒްރޭލުން ގާޒާ ހަނގުރާމަ ފުޅާކޮށް އަދިވެސް ވަރުގަދަ ކުރަމުން ދާ އިރު, ވައިގެ ހަމަލާތަކުން ބާރު ހޯދަމުން ބަރުހަތިޔާރާއެކު އިޒްރޭލު ސިފައިން މިހާރު ވަނީ ރަފާގެ އެންމެ ފުނަށް ވަދެފައެވެ.
ގާތްގަނޑަކަށް 1.5 މިލިއަން މީހުން ތިބި ރަފާއިން ގިނަ އަދަދެއްގެ ބަޔަކު ފައްސާލާފައި ވާއިރު އަދިވެސް 65,000 އެއްހާ މީހުން ރަފާގައި އެބަތިއްބެއެވެ. ދެވޭނެ ގޮތެއް ނެތުމާއި ދާން ބޭނުން ނުވުމާއެކު ތިބި މީހުންނާއި އިޒްރޭލު ސިފައިން އަރާ ހަމަކުރަމުން ދާ އިރު, އެމީހުންގެ ފުރާނައާ މެދު ވަނީ ސުވާޅު އުފެދިފައެވެ. އިޒްރޭލުން ހަމަލާ ދިނުމުގައި މުޖާހިދެއް އެހެން މީހެއް ކުޑަކުއްޖެއް ނުބަލައެވެ. އެހެން ކަމުން ގިނަ އަދަދެއްގެ ބަޔަކު ޝަހީދުވެ ސިއްހި ހިދުމަތްތެރިންނަށް ތުރާލަކަށް ވާނެ ކަމަށް ހަބަރުތައް ބުނެއެވެ. އަދި މިހާރު ރަފާއިން ނެރެލި މީހުން ގޮސް ތިބި އަލް މަވާސީގައި ބައިބޯވެ ތޮއްޖެހިފައި ވުމުން ބަލިމަޑުކަމެއް ފެތުރިގެން ހިގައިދާނެ ކަމުގެ އިންޒާރު އދ ގެ އިދާރާތަކުން ވަނީ ދީފައެވެ.
އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް 37,000 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.