އެމްޑީޕީއަށް ލިބޭ ފައިސާ އެ ޕާޓީގެ ބޮޑުން ބޭނުން ކުރާ ކަމަށް ތުހުމަތު ކޮށް ރީކޯ މޫސާ މަނިކު ދެއްކި ވާހަކަތައް އެ ޕާޓީއިން ދޮގުކޮށްފިއެވެ.

ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ އެމްޑީޕީގެ ބޮޑުން ބޭނުން ކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

އީސީއިން އެމްޑީޕީއަށް 15.1 މިލިއަން ރުފިޔާ ދީފައިވާކަން ފާހަގަ ކުރައްވާ އެކްސަގައި ކުރެއްވި ޕޯސްޓެއްގައި ރީކޯ މޫސާ ވިދާޅުވީ މާޒީވި 17 ވަރަކަށް އަހަރުވެސް ދާއިރާތަކައް ފައިސާ ނުދީ ބޮޑުން ބޭނުން ކޮށްފައިވާ ކަމަށެވެ. އަދި އެ އުސޫލު ދޫކޮށް އެމްޑީޕީގެ ހުރިހާ ދާއިރާތަކަށް ނިސްބަތުން ޕާޓީ ހިންގުމުގެ ހަރަދު ދޭނެ އުސޫލެއް ކަނޑައަޅައި ފައިސާ ދިނުމަށް އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް" އިން ސުވާލު ކުރުމުން އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވީ ޕާޓީއިން އަބަދުވެސް ހަރަދު ކުރަނީ ކަނޑައެޅިފައި އޮންނަ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އަދި ޕާޓީއިން ހަރަދު ކުރަނީ ޕާޓީގެ ހަރަކާތްތަކަށް ކަމަށާއި އޭގެތެރޭގައި ގައުމީ ހުރިހާ އިންތިހާބު ތަކެއްގެ ކެމްޕެއިންގެ އިތުރުން ޕާޓީގެ ޕްރައިމަރީތައް ބޭއްވުން ހިމެނޭ ކަމަށް އަނަސް ވިދާޅުވިއެވެ.

އަނަސް ވިދާޅުވީ ދާއިރާތަކަށާއި ހަރަކާތްތައް ހިންގުމަށް ހަރަދު ކުރެވޭނެ ގޮތަށް ޕާޓީއިން އަބަދު ވެސް އުސޫލުތަކެއް ކަނޑައަޅާފައި އޮންނަ ކަމަށެވެ.

ޕާޓީގެ އިސް ފަރާތްތަކުން ޕާޓީގެ ފައިސާ ބޭނުން ނުކުރައްވާ ކަމަށް ވިދާޅުވެ އޭނާ ފާހަގަ ކުރެއްވީ ޕާޓީގެ އިސް އެއްވެސް މަގާމެއްގައި މުސާރަވެރިއަކު ވެސް ނުހުންނާނެ ކަމަށެވެ. އަދި މުސާރަ ވެސް ދެނީ ހަމައެކަނި ޕާޓީގެ އިދާރާގައި ތިބޭ މުވައްޒަފުންނަށް ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އީސީއިން ވަނީ ސިޔާސީ 6 ޕާޓީއަކަށް ފައިސާ ދޫކޮށްފައެވެ. އެއީ ޕީޕީއެމްއަށް 10.4 މިލިއަން ރުފިޔާ، އެމްޑީޕީއަށް 15.1 މިލިއަން ރުފިޔާ، ޕީއެންސީއަށް 8 މިލިއަން ރުފިޔާ، ޖުމްހޫރީ ޕާޓީއަށް 5.3 މިލިއަން ރުފިޔާ، އަދާލަތު ޕާޓީއަށް 2.5 މިލިއަން ރުފިޔާ އަދި އެމްޑީއޭއަށް 2.4 މިލިއަން ރުފިޔާއެވެ.