މަގުއޮޅުނު 100 އަށްވުރެ ގިނަ ހައްޖުވެރިން ޑިވައިސްގެ އެހީގައި ހޯދުނު ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ޝަކީލް ވިދާޅުވީ އަމިއްލަ ބާރު ނުހިނގާ ބޭރު ގައުމެއްގައި އެތައް ގޮންޖެހުންތަކާއެކު ދުނިޔޭގެ އެތައް ގައުމަކަށް ނިސްބަތްވާ އެތައް މިލިއަން ހައްޖުވެރިންގެ ތެރޭގައި ދިވެހި 1150 ހައްޖުވެރިންނަށް ހައްޖުގެ މާތް އަޅުކަން އަދާކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ވެރިއަކަށް ވުމުގެ ފުރުސަތު އޭނާއަށް ލިބިވަޑައިގެންނެވި ކަމަށެވެ.

ފަހުގެ ތާރީހެއްގައި ސައުދީ ތަޖުރިބާ ކުރަމުންދާ އެންމެ ހޫނުގަދަ ދުވަސްތަކުގައި މަގު އޮޅި ގެއްލިގެން ރިޕޯޓް ކުރި 100 އަށްވުރެ ގިނަ ހައްޖުވެރިން ފަހުގެ ޓެކްނޮލޮޖީ އާއި ހައްޖު ކޯޕަރޭޝަންގެ ހީވާގި މުވައްޒަފުންނާއި އެހީތެރިންގެ ބުރަ މަސައްކަތުން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ހޯދުނު ކަމަށް ޝަކީލް ވިދާޅުވިއެވެ.

އޭގެ އިތުރުން ސިއްހީ‏ ބޮޑު މައްސަލައެއް ކުރިމަތި ނުވެ، ތަބީއީ މަރަކުން ނިޔާވި އެންމެ ހައްޖުވެރިއެއް ފިޔަވާ އެހެން ހުރިހާ ހައްޖުވެރިންނަށް ސަލާމަތާއި ރައްކާތެރި ކަމާއެކު ހައްޖުގެ އަޅުކަން ފޯރުކޮށްދެވުނު ކަމަށްޓަކާ ހަމްދު ކުރައްވާ ކަމަށް ވެސް ޝަކީލް ވިދާޅުވިއެވެ.

ޝަކީލް ވަނީ އެ ފުރުސަތު ދެއްވި ކަމަށްޓަކާ ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ހައްޖުގެ ކަންކަން އިންތިޒާމް ކުރުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަބަދުވެސް ދެއްވި އެހީތެރިކަމާއި ލަފަޔާއި އިރުޝާދަށް ވެސް ޝުކުރު ދަންނަވާފައެވެ.

މިއަހަރު ހައްޖާ ގުޅިގެން ޑރ. ޝަހީމް ވިދާޅުވީ ﷲ ގެ ރަހުމަތުން ހައްޖު އޮޕްރޭޝަން ކާމިޔާބު ކަމަށް އުފަލާއެކު ފާހަގަކުރައްވާ ކަމަށާއި ފެންވަރު ރަނގަޅު ދިވެހި ރަހަތަކާއެކު ކާނާ ފޯރުކޮށްދެވުނު ކަމަށެވެ. އަދި ބަލި މީހުންނަށް އެންމެ މަތީ ދަރަޖައިގައި އެހީތެރިކަން ފޯރުކޮށްދެވުނު ކަމަށާއި އެގޮތުން ޑައިލެލިސް ހަދާ މީހުންނާއި ކެންސަރަށް ފަރުވާ ހޯދާ ބައެއް މީހުންނާއި ހިތުގެ ބަލި ހުންނަ ބައެއް މީހުން ތިބިއިރު އެ އެންމެނަށް އެހީތެރިކަން ފޯރުކޮށްދެވުނު ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އެޑްމިޓް ކުރެވުނު ފަރާތްތަކަށް މަތީ ދަރަޖައިގައި އެހީ ފޯރުކޮށްދެވުނު ކަމަށާއި އަރަފާތަށް ނުވަދެވޭ އެކަކު ވެސް ނެތް ކަމަށެވެ. އަދި ވީލްޗެއާގައި ގިނަ އަދަދެއްގެ ހާޖީން އުޅުނު ކަމަށާއި އެންމެނަށް އެހީތެރިކަން ދެވުނު ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އަރަފާތުގެ ފޭލިގޭގެ އިންތިޒާމްތައް ފުރިހަމަ ކަމަށާއި އެހެންނަމަވެސް މިނާގެ ފޭލިގޭގެ ތާށިކަމެއް ހުރި ކަމަށެވެ. އަދި އެކަން މެދުވެރިވި ސަބަބުތައް ބަލައި ކުރިއަށް އޮތްތަނުގައި ރަނގަޅު ކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖްމަންޓާއި މުރާލި މުވައްޒަފުންނާއި ހިތްވަރުގަދަ އެހީތެރިންނަށް ހައްގު ޝުކުރު ރައްދުކުރައްވައި ހާޖީންނަށް އެހީވި މަދީނާގެ ކިޔަވާ ކުދިންނާއި ހާއްސަކޮށް ބޮޑު ކައްކާ، ވަހީދުބެ އަށް ޑރ. ޝަހީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އޭގެ އިތުރުން ޑރ އާދަމް ޝަމީމާއި އިލްމުވެރި އެންމެހައި މުރުޝިދުންނަށާއި ދިވެހި ހާޖީންގެ ކަންކަން ކަވަރު ކުރި މީޑިއާތަކަށް ވެސް ޑރ. ޝަހީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޑރ. ޝަހީމް ވިދާޅުވީ ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް ފާހަގަ ކުރެއްވުނު ކަމަށާއި އަންނަ އަހަރަށް އެކަންކަން ރަނގަޅު ކުރައްވާނެ ކަމަށެވެ. އަދި މިއީ ހައްޖު ކޯޕަރޭޝަންގެ ތާރީހުގައި އެންމެ ގިނަ އަދަދަކަށް ހާޖީން ގެނެވުނު ދެވަނަ ފަހަރު ކަމަށާއި ހައްޖު އޮޕްރޭޝަން ކާމިޔާބު ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ އަމިއްލަ ކޮންޓްރޯލުން ބޭރުން އެތަން މިލިއަން މީހުންގެ ތެރޭގައި ހިނގާ ކަމެއްގައި ކިތައްމެ ފުރިހަމަ ކުރަން އުޅުނަސް އުނިކަން ހުންނާނެ ކަމަށާއި އިންސާނުންނަކީ އުނިބައެއް ކަމަށެވެ. އަދި އެންމެ ބޮޑު އިސްކަމެއް ދެއްވީ ހޫނު ގަދަ މާހައުލެއްގައި ހާޖީންގެ ސަލާމަތާއި ސިއްހަތާއި ރައްކާތެރި ކަމަށް ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

މިއަހަރު ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ދިން 1،000 ހައްޖު ކޯޓާ މިފަހަރު ސަރުކާރުން ދީފައި ވަނީ ހައްޖު ކޯޕަރޭޝަނަށެވެ. އެގޮތަށް ނިންމާފައި ވަނީ ވަރަށް ގިނަ ޖަމާއަތްތަކުން މީހުން އަތުން ފައިސާނެގުމަށް ފަހު ހައްޖަށް ނުދެވުމުގެ މައްސަލަތަކުގެ އިތުރުން ބިޑް އުސޫލުން ކޯޓާ ނެގުމަށްފަހު، ބޮޑު އަގުގައި ކޯޓާ ވިއްކާ މައްސަލައަށް ހައްލު ހޯދައި ދިނުމަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.