ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ޕަބްލިކް ސޭފްޓީ މިނިސްޓަރަކަށް ހުންނެވި ސުމުއްވުލް އަމީރު އަބްދުލްހަންނާން ހަލީމް ދޮށިމޭނާ ކިލެގެފާނު މިއަދު އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ 10 އަހަރު ޕަބްލިކް ސޭފްޓީ މިނިސްޓާ ކަމުގެ މަގާމުގައި ދައުލަތަށް ހިދުމަތްކުރައްވާ އަދި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުކަން ކޮށްދެއްވާފައިވާ އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވުމަކީ ގައުމަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.

ރައީސް ވަނީ މަރުހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުމަށާއި އާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވުމަށް އެދި ދުއާ ކުރައްވާފައެވެ.

ސުމުއްވުލް އަމީރު އަބްދުލްހަންނާން ހަލީމް ދޮށިމޭނާ ކިލެގެފާނު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު، މިއަދު ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 87 އަހަރެވެ.

ސުމުއްވުލް އަމީރު އަބްދުލްހަންނާން ހަލީމް ދޮށިމޭނާ ކިލެގެފާނު ޕަބްލިކް ސޭފްޓީ މިނިސްޓަރުކަން ކުރެއްވީ 1968 އިން 1978 އަށް ވަނަ އަހަރަށެވެ. ކިލެގެކަމުގެ ދަރަޖަ ދައުލަތުން ދެއްވި ބޭފުޅުންގެ ތެރެއިން އެންމެ ފަހަށް ދުނިޔޭގައި ހުންނެވި ބޭފުޅަކީ މަރުހޫމް އަބްދުލްހަންނާން ހަލީމެވެ.