އިޒްރޭލުގެ ބަނދަރުމަތީ ސިޓީއެއް ކަމަށް ވާ ހައިފާ ގެ މަންޒަރުތައް ދުވާލުގެ ވަގުތެއްގައި ރެކޯޑް ކޮށް ހިޒްބުއްލޯ އިން އާންމު ކުރި ވީޑިއޯއެއްގެ ސަބަބުން އިޒްރޭލު ސިހިއްޖެއެވެ. ޑްރޯން ބޭނުން ކޮށްގެން ނަގާފައި ވާ އެ ވީޑިއޯ ކުރިކަން އިޒްރޭލުގެ އަސްކަރިއްޔާ އަށް ނޭނގުނު ކަމަށް ބުނެ ހިޒްބުއްލޯ އިން އާންމު ކުރި 9 މިނެޓުގެ ވީޑިއޯގައި އިޒްރޭލުގެ ހަތިޔާރު ގުދަން ތަކާއި މިސައިލް ބެޓެރިތަކާއި ހައްސާސް އެތައް އިމާރާތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގެ އިތުރުން އިސްތިރާޖީ މުހިންމު ތަންތަން ދައްކާފައި ވެއެވެ.

މި ވީޑިއޯ އާންމު ކުރުމާއެކު އިޒްރޭލުން ސިހި ބުނެފައިވަނީ އެއީ ބިރުދެއްކުމުގެ އަމަލެއް ކަމަށާއި, ހިޒްބުއްލޯ ނައްތާލުމަށްޓަކައި "އޯލް އައުޓް ވޯ" [ހުރިހާ ވަސީލަތަކާއެކު ކުރާ ހަނގުރާމައެއް] އަކަށް އިޒްރޭލު ތައްޔާރު ކަމަށެވެ. އަދި އެކަމުގައި ލުބުނާނަށް ލިބިގެންދާނެ ގެއްލުން ބޮޑުވާނެ ކަމަށާއި ހިޒްބުއްލޯ ނައްތާލާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

"ޗައިނާ އާއި އިންޑިއާ ކުންފުނިތަކުގެ އެހީގައި ޑްރޯން އިން ވީޑިއޯކޮށް އާންމު ކުރީ ނަސްރުއްالله ހިތުން ފޮނިވާން, ހިޒްބުއްލޯ އާއި ލުބުނާނާމެދު ގެންގުޅޭ ސިޔާސަތު ބަދަލު ކޮށްފިން, ހިޒްބުއްލޯ ނައްތާލާނަން އަދި ލުބުނާނަށް ދައްކަން ޖެހޭ އަގު ބޮޑުވާނެ" އިޒްރޭލުގެ ފޮރިން މިނިސްޓަރު އިޒްރޭލް ކާޒް ބުންޏެވެ.

އެ މޭރުމުން އޭނާ ވާހަކަ ދެއްކިތާ ލަހެއްނުވެ އިޒްރޭލާއި ލުބުނާނު ގުޅޭ ސަރަހައްދުގެ އިޒްރޭލު ކޮމާންޑަރު އޮރީ ގޯޑެން ވަނީ އެއްގަމު މަގުން ހަމަލާދޭނެ ޕްލޭނެއްގެ ހުއްދަ ދީ އިޒްރޭލުގެ ސިފައިން އެކަމަކަށް ތައްޔާރުވުމަށް އަންގާފައެވެ.

ހިޒްބުއްލޯ ނައްތާލުމުގެ ނަމުގައި އިޒްރޭލުން ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފައި ވާ އިރު އޮކްޓޯބަރު 7, 2023 ގައި އިޒްރޭލުން ގާޒާއަށް ހަމަލާ ދޭން ފެށުމާއެކު ހިޒްބުއްލޯ އިން ވަނީ އިޒްރޭލުގެ އެކިއެކި މަގާމުތަކަށް ހަމަލާ އަމާޒު ކުރަން ފަށާފައެވެ. ހިޒްބުއްލޯ އިން ބުނެފައި ވަނީ, އެމީހުން ހަމަލާތައް ހުއްޓާލާނީ އިޒްރޭލުން ގާޒާއަށް ދޭ ހަމަލާތައް ހުއްޓާލުމުން ކަމަށެވެ.

ހަމާސް އާ އަޅާ ބަލާއިރު ހިޒްބުއްލޯ އަކީ އަސްކަރީ ގާބިލުކަން މާ ވަރުގަދަ ޖަމާއަތެކެވެ. ކުރު ރާސްތާ, އަދި މެދު ރާސްތާގެ މިސައިލުގެ އިތުރުން ދުރު ރާސްތާ މިސައިލްވެސް ހުރި ބައެކެވެ. އަމާޒަށް ދަތުރު ކުރާ އެތައް ހަތިޔާރަކާއެކު ބާރުގަދަ ޖަމާއަތެކެވެ.

ހިޒްބުއްލޯގެ ވީޑިއޯ އާ ގުޅިގެން އިޒްރޭލުން އިންޒާރު ދީފައި ވާ އިރު ހިޒްބުއްލޯގެ ލީޑަރު ނަސްރުالله މިއަދުގެ ވަގުތެއްގައި އާންމުންނާ މުހާތަބުކޮށް ތަގުރީރެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިތަގުރީރުގައި އިޒްރޭލުގެ އުދުވާނާ ގުޅޭގޮތުން ވާހަކަ ދައްކަވާނެ ކަމަށް މުރާސިލުން ބުނެއެވެ.