2004 ވަނަ އަހަރު ޕޯޗުގަލްގައި އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުން ފުރަތަމަ ފެނިގެން ދިޔަ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ މިވަނީ އަނެއްކާވެސް ފުޓްބޯޅައިގެ ރިކޯޑް ފޮތްތަކަށް އަރާފައެވެ. މިގޮތުން އޭނާއަކީ 6 ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުނު ހަމައެކަނި ކުޅުންތެރިޔާއެވެ. ޔޫރޯގައި ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗުގެ ފަހުން އުފަންވީ އެތަށް ކުޅުންތެރިންނެއް މިހާރު ޖާމަނީގައި ހިނގަމުންދާ މުބާރާތުގައި ވެސް އެބަ ކުޅެމުންދެއެވެ.
ޔޫރޯ 2004
ޕޯޗުގަލްގައި އެފަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަކީ ބައިނަލްއަޤްވާމީ ފުޓްބޯޅައަށް ރޮނާލްޑޯގެ ފެންވަރު ފެނިގެން ދިޔަ ފުރަތަމަ ފަހަރެވެ. އެމުބާރާތުގައި ޕޯޗުގަލްއިން ގްރޫޕް ސްޓޭޖްގައި ވާދަކުރި ފުރަތަމަ މެޗުގައި ގްރީސްއާ ދެކޮޅަށް ކުޅުނު އިރު އެމެޗުގެ ހާފް ޓައިމަށް ފަހު ކުޅެން ނިކުތް ރޮނާލްޑޯ ވަނީ މެޗުގެ 90 ވަނަ މިނެޓްގައި ލަނޑެއް ޖަހާ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ވެސް ލަނޑެއް ޖަހާފައެވެ.
ފައިނަލާއި ހިސާބަށް ކުޅުނު ހުރިހާ މެޗެއް ޕޯޗުގަލްއިން ކާމިޔާބުކުރިި އިރު ފައިނަލްގައި އެޓީމު ބަލިކުރީ މުބާރާތުގެ ފުރަތަމަ މެޗުން އެޓީމުގެ އަތުން ބަލިވި ގްރީސްއެވެ. އެ މުބާރާތުގައި ރޮނާލްޑޯ 2 ލަނޑު ޖަހާ ދެ އެސިސްޓް ހެދި އިރު ފައިނަލުން ބަލިވި ނަމަވެސް ކްރިސްޓިއާނޯ ރޮނާލްޑޯ ދުނިޔޭގެ ފުޓްބޯޅައަށް ތައާރަފްވެގެން ދިޔައެވެ.
ޔޫރޯ 2008
2008 ވަނަ އަހަރުގެ ޔޫރޯއަށް ރޮނާލްޑޯއައީ ގިނަ ބައެއްގެ އުއްމީދާއެކުއެވެ. އެސީޒަންގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑްގެ އިތުރުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑްގެ އިތުރުން ޕްރިމިއާ ލީގުގެ ޗެމްޕިއަންސް މެޑަލްއާ ޗެމްޕިއަންސް ލީގުގެ ރަން މެޑަލް ހޯދައިގެން 2008 ވަނަ އަހަރުގެ މުބާރާތަށް އައި ރޮނާލްޑޯ އަދި ޕޯޗުގަލް މުބާރާތުގެ ދެވަނަ ބުރަށް ދިޔައީ ފަސޭހަ ކަމާއެކުއެވެ. އެހެން ނަމަވެސް މުބާރާތުގެ ސެމީއިން އެޓީމު ކަޓައިގެން ދިޔަ އިރު ރޮނާލްޑޯއަށް ޔޫރޯ 2008 ވަނަ އަހަރު ޖެހުނީ އެންމެ ލަނޑެކެވެ.
ޔޫރޯ 2012
2008 ވަނަ އަހަރުގެ ޔޫރޯއާއި 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ޕޯޗުގަލް އަށް ލިބުނު ހިތި ނަތީޖާތަކަށް ފަހު 2012 ވަނަ އަހަރުގެ މުބާރާތާ ރޮނާލްޑޯ ކުރިމަތިލީ ޕޯޗުގަލްގެ ކެޕްޓަންގެ ގޮތުގައެވެ. އަދި އެފަހަރުގެ މުބާރާތުގެ 'މަރުގެ ގްރޫޕް' ގައި ޖާމަނީ، ޑެންމާކް އަދި ނެދެލޭންޑްސްއާއެކު އޮވެ ފުރަތަމަ މެޗުގައި ޖާމަނީ އަތުން ބަލިވި ނަމަވެސް ރޮނާލްޑޯ ވަނީ ޕޯޗުގަލް މުބާރާތުގެ ސެމީއަށް ގެންގޮސްދީފައެވެ.
ސެމީގައި އެފަހަރުގެ މުބާރާތް ކާމިޔާބުކުރި ސްޕެއިންގެ އަތުން ޕޯޗުގަލް ބަލިވި އިރު ރޮނާލްޑޯ ވެގެން ދިޔައީ ޔޫރޯ 2012 ގައި އެންމެ ގިނަ ލަނޑު ޖެހި އެއް ކުޅުންތެރިޔާއަށެވެ. އެ މުބާރާތުގައި އޭނާ ތިން ގޯލު ޖެހިއެވެ.
ޔޫރޯ 2016
ޔޫރޯ 2012 ވަނަ މުބާރާތުގައި ލިބުނު ހިތި ނަތީޖާއާއެކު ދެން ފެނިގެން ދިޔައީ ރޮނާލްޑޯގެ އެންމެ ވަރުގަދަ އަހަރުތަކެވެ. މިގޮތުން ޖެހިގެން އައި ހަތަރު އަހަރު ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލަންޑޯ ހަތަރު ފަހަރު ރޮނާލްޑޯ ހޯދި އިރު މިއީ ޕޯޗުގަލްގެ ގައުމީ ޓީމުގެ ނަތީޖާތައް އެންމެ ދަށްވި އަހަރުތަކެވެ. 2014 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުން ވެސް ޕޯޗުގަލްއަށް އަރައިނުގަނެވުނު އިރު ޔޫރޯ 2016ގެ ގްރޫޕް ސްޓޭޖްގައި އައިސްލޭންޑް، ހަންގެރީ އަދި އޮސްޓްރިއާއާއެކު އެއް ގްރޫޕެއްގައި އޮތް ނަމަވެސް ޕޯޗުގަލް އެންމެ މެޗަކުން ވެސް މޮޅެއް ނުވެއެވެ.
ގްރޫޕްތަކުގައި ތިން ވަނައަށް އޮތް އެންމެ މޮޅު ޓީމުގެ ގޮތުގައި ގަދަ 16 އަށް ޕޯޗުގަލް ދަތުރުކުރި އިރު ސެމީއަށް ވެސް އެޓީމު ދަތުރުކުރީ ހަމަ ކިރިއާއެވެ. އަދި ސެމީގައި 2-0 އިން ވޭލްސް ބަލިކޮށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދިއެވެ. އެފަހަރު މުބާރާތް ބޭއްވި ފްރާންސާ ދެކޮޅަށް ފައިނަލް މެޗަށް ޕޯޗުގަލް ނިކުތް އިރު މެޗުގެ 25 ވަނަ މިނެޓްގައި ފްރާންސްގެ ކުޅުންތެރިއެއް ކުރި ފައުލަކާއެކު ރޮނާލްޑޯއަށް މެޗުގައި ދެން އިތުރަށް ނުކުޅެވޭ ފަދަ އިންޖަރީއެއް ލިބުނެވެ. ދެން ރޮނާލްޑޯ ފެނިގެން ދިޔައީ ފައިގައި އައިސްޕެކް އަޅައިގެން ޓަޗްލައިން ކައިރީ ޓީމަށް އިރުޝާދު ދެމުން ދިޔަތަނެވެ. އަދި މެޗުގެ ނިމެން ދަނިކޮށް ޕޯޗުގަލްއިން ޖެހި ލަނޑާއެކު އެފަހަރުގެ މުބާރާތް އެޓީމުން ކާމިޔާބުކުރީ ރޮނާލްޑޯގެ ކޯޗުކަމުގެ ދަށުން ކަމަށް ބުނެވިދާނެއެވެ.
ޔޫރޯ 2020 (ކޮވިޑްގެ ސަބަބުން މުބާރާތް ކުޅުނީ 2021)
މި މުބާރާތަކީ ޓީމުގެ ކާމިޔާބީއަށް ވުރެ ރޮނާލްޑޯގެ އެކަނި ހުނަރު ފެނިގެން ދިޔަ މުބާރާތަކަށެވެ. އެފަހަރުގެ ވެސް މަރުގެ ގްރޫޕުން (ޖާމަނީ، ފްރާންސް، ހަންގަރީ، ޕޯޗުގަލް) އިން ސަލާމްވެގެން ދެވަނަ ބުރަށް ދިޔަ ނަމަވެސް އެބުރުގައި ބެލްޖިއަމްގެ އަތުން ޕޯޗުގަލް ކެޓީއެވެ.
އެމުބާރާތުގައި ކުޅުނު 4 މެޗުގައި ރޮނާލްޑޯ 5 ލަނޑު ޖަހާ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ޔޫރޯގެ ފަސް މުބާރާތުގައި ފެނިގެން ދިޔަ ހަމައެކަނި ކުޅުނު ކުޅުންތެރިޔާގެ ލަގަބު ވެސް ހޯދިއެވެ. އެހެން ނަމަވެސް އެއީ އޭނާގެ ފަހު ޔޫރޯ ކަމަށް ބެލެވުނެވެ.
ޔޫރޯ 2024
މިމުބާރާތުގައި ޕޯޗުގަލްއިން ކުޅުނު ފުރަތަމަ މެޗު ފެށިގެން ނިމެންދެން ރޮނާލްޑޯ ކުޅުނު އިރު ޒުވާން އެތަށް ސްޓާރުންނެއް ފެނިގެން ދާ މިމުބާރާތުގައި ރޮނާލްޑޯއަށް ލިބޭނެ ސަމާލުކަން ހަމަގައިމުވެސް ކުޑަވާނެއެވެ. އެހެން ނަމަވެސް އުމުރުން 39 އަހަރުގައި ޒުވާން ކުޅުންތެރިން ދައްކާ ފަދަ ބުންވަރެއް ރޮނާލްޑޯގެ ފަރާތުން ރޭ ވެސް ފެނިގެން ދިޔަ އިރު މިމުބާރާތުން ވެސް އޭނާ އަލްވަދާއު ކިޔާނީ އިތުރު ރިކޯޑެއް ގާއިމުކޮށްފައި ކަން ޔަގީނެވެ.