މިދިޔަ ސަރުކާރުގެ ފަހު ތިން އަހަރު ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ އޮޑިޓެއް ހަދާފައި ނުވާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.

'ޕީއެސްއެމްގެ' ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ 2021، 2022 އަދި 2023 ވަނަ އަހަރު އެ ކުންފުނީގެ އޮޑިޓެއް ހަދާފައިނުވާތީ ކުންފުނީގެ ހާލަތު ނޭނގޭކަމަށާއި އެހެންކަމުން އެ ކުންފުނީގެ އޮޑިޓެއް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.

މިދިޔަ އަހަރު އާރްޑީސީ އޮފީހުގައި ފުލުހުން ހިންގި ތަހުގީގަކަށް ފަހު ގިނަ އަދަދެއްގެ ލިޔެކިޔުންތައް ގެންގޮސްފައިވާއިރު ޒުހައިރު ވިދާޅުވީ ލިޔެކިޔުންތައް ނެތުމުން އޮޑިޓް ކުރުމުގައި ބޮޑު ދަތިތަކެއް އެބަހުރިކަމަށެވެ. އެހެންނަމަވެސް ތަހުގީގީ އިދާރާތަކާ ވާހަކަ ދައްކައިގެން އޮޑިޓާ ޖެނެރަލްގެ އޮފީހާއި ގުޅިގެން ކުންފުނި އޮޑިޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށް ޒުހައިރު ވިދާޅުވިއެވެ.

މީގެ އިތުރުން ޒުހައިރު ވިދާޅުވީ އެ ކުންފުނި ހިންގުން ޖުމްލަ ގޮތެއްގައި ބަރޯސާވެފައިވަނީ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ހިންގައިގެން ލިބޭ އާމްދަނީއަށް ކަމަށާއި އެއީ އެންމެ އެކަށީގެންވާ ގޮތަކަށް ކުންފުނި ކުރިއަރައިގެންދާނެ ގޮތް ނޫންކަމަށެވެ. އެހެންކަމުން އާރްޑީސީއަށް ބޭނުންވާ އެސެޓްތަކާ މާލީ އެހީތެރިކަން އެހެނިހެން ގޮތް ގޮތުން ހޯދަންޖެހޭ ކަމަށް ޒުހައިރު ވިދާޅުވިއެވެ.

އެ ކުންފުނިން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހާމަކޮށްދެއްވަމުން ޒުހައިރު ބުނީ މީގެ ހަތަރު ފަސް އަހަރު ކުރިން ފަށާފައިވާ މަޝްރޫއުތައްވެސް އެބަހުރި ކަމަށާއި މިވަގުތު އެންމެ އިސްކަމެއް ދެނީ ނުނިމި، ގިނަ ދުވަސްވެފައި ހުރި މަގު ހެދުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްކަމަށެވެ.