ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ޑީގައި ރޭ ފްރާންސްއާ އޮސްޓްރިއާ ކުޅުނު މެޗުގައި ލިބުނު އަނިޔާއެއްގައި ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭގެ ނޭފަތް ބިދިއްޖެއެވެ.
ރޭގެ މެޗުގެ ފަހުކޮޅު ފްރާންސަށް ލިބުނު ކޯނަރެއް ބޮލުން ޖަހާ ގޯލަށް ވައްދާލަން އުޅުމުގެ ތެރޭގައި އެމްބާޕޭގެ މޫނު ވަނީ އޮސްޓްރިއާގެ ޑިފެންޑަރު ކެވިން ޑާނޯސްގެ ކޮނޑުގައި ޖެހިފައެވެ. އެއާއެކު އޭނާ ބިން މައްޗަށް ވެއްޓި ގިނަ އިރުތަކެއް ވަންދެން ނުތެދުވެ އޮތް އިރު ދަނޑުމަތިން ފަރުވަ ދިން ވަގުތު ނޭފަތުން ވަރަށް ގިނައިން ލޭ އައި މަންޒަރުތައް ޓީވީއިން ދެއްކިއެވެ.
އަދި މިއަނިޔާގެ ސަބަބުން އޭނާ މެޗުން ބޭލި އިރު މެޗުގެ ފަހުން އިތުރުު ފަރުވާ އަށް ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެސް ހަބަރު ލިބެއެވެ. މެޗަށް ފަހު ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕް ބުނީ ކެޕްޓަން އެމްބާޕޭގެ ހާލު ރަނގަޅު ނޫން ކަމަށާ ލިބުނު އިންޖަރީގެ ތަފްސީލު ހާމަކުރެވޭނީ ޑޮކްޓަރު ބެލުމަށް ފަހު ކަމަށެވެ. އަދި އަންނަ ބުރާސްފަތި ދުވަހު ނެދެލޭންޑްސްއާ ދެކޮޅަށް ކުޅޭ މެޗަށް އޭނާއަށް އެރޭނެ ތޯ ކުރި ސުވާލަށް ޖަވާބު ދެމުން ޑިޝޯމްޕް ބުނީ ފްރާންސް ޓީމުން އެންމެ ވަރުގަދަވާނީ އެމްބާޕޭއާއެކޮށް ކަމަށާ އެހެން ނަމަވެސް އޭނާ ނުލާ ކުޅެން ޖެހުނަސް އެކަމަށް ވެސް ޓީމު ތައްޔާރުވާނެ ކަމަށެވެ.
މިއަދު ހެނދުނު ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ އެމްބާޕޭގެ ނޭފަތުގެ ކަށިގަނޑު ބިންދައިގެން ގޮސްފައި ކަމަށާ އެހެން ނަމަވެސް އޭނާ ސާޖިރާއެއް ނަހަދާނެ ކަމަށެވެ. އަދި ނޭފަތުގެ ކަށިގަނޑު ބިންދައިގެން ދިއުމުން ކުޅުންތެރިން އަޅާ ހާއްސަ މަސްކެއް އެމްބާޕޭއަށް ވެސް ހަދާނެ ކަމަށް ފްރާންސްގެ ފެޑެރޭޝަނުން ބުނެއެވެ.
ރޭގެ މެޗު ފްރާންސްއިން ކާމިޔާބުކުރީި 1-0 އިންނެވެ. މިމެޗުގައި ޖެހި ހަމައެކަނި ލަނޑަކީ އޮސްޓްރިއާއިން ބައިކޮޅަށް ޖެހި ލަނޑެކެވެ. މި ލަނޑު ބައިކޮޅަށް ވަނީ އެމްބާޕޭ ނަގާ ދިން ހުރަހެއް އޮސްޓްރިއާގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިގެންނެވެ.
އެންމެ ފަހު ކުޅުނު ވޯލްޑްކަޕްގެ ފައިނަލްގައި ހެޓްރިކެއް ހެދި އެމްބާޕޭއަށް އަދި ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި ލަނޑެއް ނުޖެހެއެވެ.