ބަރަކާތްތެރި ހައްޖު ދުވަހުގެ ހެޔޮއެދުންތައް ދިވެހި ރައްޔިތުންނަށާއި އިސްލާމީ އުންމަތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ހައްޖުދުވަހަކީ އަހަރުގެ އެންމެ ބަރަކާތްތެރި އެއް ދުވަސް ކަމުގައި ފާހަގަކުރައްވާ ﷲގެ ރުއްސެވުމާ، ފުއްސެވުމާ، މަދަދުން ފުރިގެންވާ މި ދުވަހުގެ ބާއްޖަވެރިކަން ދިވެހި ލޮބުވެތި ރައްޔިތުންނާއި މުޅި އިސްލާމީ އުންމަތަށް މިންވަރުކުރެއްވުމަށް އެދި ދުއާ ކުރައްވާފައެވެ.
އެހެންކަމުން 16 ޖޫން ވާ އާދިއްތަ ދުވަހަކީ މި އަހަރުގެ ބޮޑު އީދު ދުވަހެވެ. މި ދުވަހު ގިނަ ހަރަކާތްތަކެއް މާލޭގައި ހިންގުމަށް ޔޫތު މިނިސްޓްރީން ވަނީ ނިންމާފައެވެ. އެގޮތުން ވެދުމާ ދިއުމުން އީދު ހަރަކާތްތައް ފަށަން ނިންމާފައިވާއިރު މި ހަރަކާތް ކުރިއަށް ދާނީ ކާބަފައިން މިކަން ކުރަމުންއައި ގޮތް ކަމަށްވާ ބޮޑުބެރުގެ އަޑުން ގުގުމާލައި ބެރުގެ ހަމައަށް ފައިހަމަކުރަމުން ދާ ދިގުދަނޑީގެ ހަރަކާތަކާއެކު ގައެވެ. އަދި ސަފުގެ އެންމެ ކުރީގައި ހުންނަވާނީ ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑް) އެވެ.
ޔޫތު މިނިސްޓްރީން ކުރިއަށް ގެންދާ ބޮޑު އީދުގެ ހަރަކާތައް ތިން ދުވަހުގެ މުއްދަތައް ކުރިއަށް ދާއިރު މި ހުރިހާ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭގެ އެކި ސަރަހައްދުތަކުގައެވެ.
އެގޮތުން އީދު ދުވަހު (ޖޫން 16، 2024) ގައި 11 ހަރަކާތްތަކެއް މާލޭގައި ބޭއްވުމަށް ހަމަޖެހިފައި ވާއިރު އޭގެ ތެރޭގައި ހެނދުނު 07:00 ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމާއި 08:00 ގައި މަޖީދީމަގުގައި އީދު ސައެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އީދު ދުވަހުގެ ހަވީރު 16:00 ގައި މާލޭގެ 8 ސަރަހައްދެއްގައި ސަގާފީ ކުޅިވަރުތައް ދައްކާލުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ރޭގަނޑު 21:00ގައި ސޯޝަލް ސެންޓަރުގައި ފަންނާނުންގެ ސްޓޭޖް ޝޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޖޫން 17، 2024 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 ގައި އާޓިފިޝަލް ބީޗު އަދި ރަސްފަންނުގައި ފެންކުޅި ކުޅުމަށް ވަނީ ހަމަޖެހިފައެވެ.