2023 އިން ފެށިގެން 2028 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުގެ ފަރާތުން 15 މައުލޫއަކާ ގުޅޭގޮތުން 213 ބިލެއް ހުށަހަޅަން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަލާ ބިލުތަކާ ގުޅިގެން މައުލޫމާތު ދެއްވުމަށް މިއަދު އެޓާނީ ޖެނެރަލް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުޝާމް ވަނީ މި ބިލުތަކުގެ ތަފްސީލް ހާމަ ކުރައްވާފައެވެ. އުޝާމް ވިދާޅުވީ، އެ 213 ބިލުގެ ތެރޭގައި މުޅިން އަލަށް އުކެލަވާލަންޖެހޭ 78 ގާނޫނަކާ ގުލޭ ބިލާއި، މިހާރު އަމަލު ކުރެވޭ ގާނޫނުތަކުގެ ތެރެއިން އިސްލާހު ގެންނަންޖެހޭ ނުވަތަ އުވާލަންޖެހޭ ގާނޫނުތަކަށް އިސްލާހު ގެނައުމަށް ހުށަހަޅަން ގަސްތުކުރާ 135 ބިލެއް ހިމެނޭ ކަމަށެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅަން ނިންމާފަިއވާ 213 ބިލުގެ ތަފްސީލް:

 1. ދުސްތޫރީ އަދި ގާނޫނީ ކަންކަމާ ގުޅޭ 15 ބިލު
 2. ދައުލަތް ހިންގުމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް 9 ބިލު
 3. އަސާސީ ހައްގުތަކާއި މިނިވަންކަން ހޯދައިދިނުމަށް އަމަލު ކުރަމުންދާ ގާނޫނުތައް އިސްލާހު ކުރުމަށް 8 ބިލު
 4. އިސްލަމްދީނާއި ގައުމިއްޔަތާއި ސަގާފީ ކަންކަމާ ގުޅޭ 8 ބިލު
 5. ގައުމީ ސަލާމަތާއި ހާރިޖިއްޔާއާ ގުޅޭ 15 ބިލު
 6. ސިއްހަތާއި ދުޅަހެޔޮކަމާއި ގުޅޭ 11 ބިލު
 7. ބިމާއި މުދަލާއި އުމްރާނީ ތަރައްގީއާ ގުޅޭ 11 ބިލު
 8. ތިމާވެެށި ރައްކާތެރިކުރުމާ ހަކަތައާ އި އާންމު ބޭނުންތަކުގެ ހިދުމަތާ ގުޅޭ 9 ބިލު
 9. އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާއާ ގުޅޭ 20 ބިލު
 10. ކޮރަޕްޝަނާއި ކުށްކުރުން ހުއްޓުވުމާ ގުޅޭ 22 ބިލު
 11. ފައިސާ އާއި މާލީ ކަންކަމާ ގުޅޭ 22 ބިލު
 12. ދަތުރުފަތުރާއި މުއާސަލާތީ ކަންކަމާ ގުޅޭ 8 ބިލު
 13. ތައުލީމާއި މަސައްކަތް ތެރިކަމާ ގުޅޭ 7 ބިލު
 14. ވިޔަފާރި އާި އިގްތިސޯދާ ގުޅޭ 22 ބިލު
 15. ޒާމާނާ ނުގުޅޭ އުވާލަންޖެހޭ ނުވަތަ އިސްލާހު ކުރަންޖެހޭ ގާނޫނުތަކާ ގުޅޭ 26 ބިލު

މި ބިލުތައް ހުށަހެލުމަށް ސަރުކާުގެ ފަރާތުން ވަނީ ލެޖިސްލޭޓިވް އެޖެންޑާއެއް އެކުލަވާލާފައި ކަމަށް އުޗާމް ވިދާޅުވިއެވެ. މި އެޖެންޑާ އެކުލަވާލާފައި ވަނީ ސަރުކާރުގެ ވުޒާރާތަކާއި ޝަރުއީ ދާއިރާތަކާއި މިނިވަން މުއައްސަސާތަކާއި ދައުލަތުގެ ވަކި އޮފީސްތައް ހިމެނޭ ގޮތަށް ކަމާ ބެހޭ ފަރާތްތަކުގެ ހޮޔާލާއި މަޝްވަރާއާ އެކުގައި ކަމަށް އުޝާމް ވިދާޅުވިއެވެ. އެ ގޮތުން ޖުމްލަ 30 ފަރާތެއްގެ މަޝްވަރާ ހޯދާފައިވާ ކަމަށް އުޝާމް ވިދާޅުވިއެެވެ.

5 އަހަރު ދުވަހުގެ ތެރޭ ސަރުކާރުގެ ފަރާތުން ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ ތަފްސީލް ހާމަ ކުރައްވަމުން އުޝަމް ވިދާޅުވީ، ކޮންމެ އަހަރަކު މި ލެޖިސްލޭޓިވް އެޖެންޑާގައި ހުރި ބިލުތައް މުރާޖާ ކުރުމަށް ފަހު ބަދަލުތައް ގެންނަން ޖެހޭ ކަމަށް ފެންނަ ނަމަ އެ ބަދަލުތައް ގެންނާނެ ކަމަށެެވެ.

މި ލެޖިސްލޭޓިވް އެޖެންޑާ އެކުލަވާލުމުގައި އިސްކަން ދީފައިވާ ކަންކަމަށް ބަލާއިރު، ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތަކާ ގުޅިގެން އެކުލަވާލަން ޖެހޭ ބިލުތަކާއި، ގާނޫނު އަސާސީގެ ދަށުން އެކުލަވާލަންޖެހޭ ބިލުތަކާއި، ގާނޫނު އަސާސީއާ ތައާރުޒު ވުމުގެ ސަބަބުން އިސްލާހު ގެންނަންޖެހޭ ނުވަތަ އުވާލަން ޖެހޭ ގާނޫނުތަކާ ގުލޭ ބިލުތައް ވެސް ހިމެނޭ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެއެވެ. ހަމައެއާއެކު ދައުލަތުގެ އިދާރާތަކުގެ މަސައްކަތްތައް ހިންގުމުގައި ގާނޫނެއް ހެދިފައި ނެތް، ނަމަވެސް ގާނޫނަކުން ބާރު ލިބެންޖެހޭ ކަންކަމާ ގުޅިގެން ވެސް ބިލު ހުށަހަޅާ ކަމަށް އެ އޮފީހުން ބުނެއެެވެ.