ލޭނު މަސްވެރިކަމަށް ރާއްޖޭގެ ކަނޑުތައް ބޭރުގެ ފަރާތްތަކަށް ދިނުމުގެ ކުރިން މަސްވެރިންނާއި އަދި އިންޑަސްޓްރީގެ ފަރާތްތަކާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް އިދިކޮޅު އެމްޑީޕީން ގޮވާލައިފިއެވެ.

ލޭނު މަސްވެރިކަން ކުރަން ހުއްދަ ދިނުމާ ދެކޮޅަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން މިއަދު ވަނީ މުޒާހަރާކޮށްފައެވެ. ގާތްގަނޑަކަށް 35 ދޯންޏާ އެކު ހުޅުމާލެ ކަންނެލި ޖެޓީން ފެށި މުޒާހަރާގެ ބައިވެރިން ވަނީ މާލެ ފަޅު ތެރެއަށް ވަދެ ވެސް މުޒާހަރާކޮށްފައެވެ.

މުޒާހަރާގެ ބައިވެރިން ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ދިވެހި މަސްވެރިކަމުގެ ހާލަތު މިހާރު އޮތް ގޮތަށް އޮއްވައި އެ މަސްވެރިކަމަށް ލޭނުއަޅަން ހުއްދަ ދީފި ނަމަ، އާންމު މަސްވެރިން ބަނގުރޫޓުވާނެ ކަމަށް ބުނެ އެވެ. އެގޮތުން ލޭނުއެޅުން ހުއްދަ ކުރުމަކީ އާންމު މަސްވެރިންގެ ބަދަލުގައި މަދު ކުންފުނިތަކަކަށް ފައިދާވާނެ ކަމެއް ކަމަށާއި ދިވެހިން އަތުން ކަންނެލި އޮޑިތަކުން ބާނާ ކަންނެލީގެ ޑިމާންޑު ދަށްވެ، އަގު ދަށްވާނެ ކަމަށް އެމީހުން ދިޔައީ ބުނަމުންނެވެ.

އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މަސްވެރިންނާ ބައްދަލުކުރައްވައި، އެ ކަންބޮޑުވުންތައް އަޑުއެހުމަށް އެމީހުން ޑިމާންޑު ކުރުމާއެކު މިނިސްޓަރު ވަނީ އެ ސަރަހައްދަށް ވަޑައިގެން އިހުތިޖާޖު ކުރަމުންދާ މަސްވެރިންނާ ބައްދަ ކުރައްވާ ވުޒާހަރާގެ ބައިވެރިންގެ ކަންބޮޑުވުންތައް އައްސަވާފައެވެ.

މި މައްސަލައާ ގުޅިގެން އިދިކޮޅު އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ލޭނު މަސްވެރިކަމަށް ރާއްޖޭގެ ކަނޑުތައް ބޭރުގެ ފަރާތްތަކަށް ހުޅުވާލުމަކީ ބޮޑު ކަންނެލީގެ މަސްވެރިންގެ އާމްދަނީ އެއްކޮށް ހުއްޓޭނެ ކަމެއް ކަމަށްވާއިރު އެފަދަ ހުއްދައެއް ދޭން ފެށުމުގެ ކުރިން މަސްވެރިންނާއި އަދި އިންޑަސްޓްރީގެ ފަރާތްތަކާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމުމަށް ގޮވާލާ ކަމަށެވެ.

އަދި ލޭނު މަސްވެރިކަން ކުރުމުގެ ނަމުގައި ރާއްޖޭން ބޭރުގެ ފަރާތްތަކަށް ދިވެހި ކަނޑުތައް ވިއްކާލާފައިވަނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ކަމަށް އެމްޑީޕީން ވަނީ ތުހުމަތު ކޮށްފައެވެ. އެގޮތުން ލޭނު މަސްވެރިކަމަށް ހުޅުވާލި ފުރުސަތުގައި ރާއްޖޭގެ ކަނޑުތަކުގައި ގާނޫނާއި، ގަވާއިދުތަކާއި، ބައިނަލްއަގުވާމީ މުއާހަދަތަކާ ހިލާފު އެތަކެއް ނޭދެވޭ އަމަލުތަކެއް ހިންގާފައިވާ ކަމަށާއި 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ލޭނު މަސްވެރިކަން އެމްޑީޕީ ސަރުކާރުން ހުއްޓުވީ އެ މައްސަލައިގައި މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމުން މަސްވެރިންނަށް އިޖާބަ ދިނުމުގެ ގޮތުން ކަމަށް ވެއެވެ.

މީގެ އިތުރުން ވެސް މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުމަށްޓަކައި އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔުމަށް ވެސް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

"އެގޮތުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރަން ނިންމާފައިވާ ކޯލްޑް ސްޓޯރޭޖުތަކާއެކު މިފްކޯގެ ކެޕޭސިޓީ ދެގުނަ ކުރުމަށް ފައިސާ ހޯދާފައިވާ މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށްގެންދިޔުމަށް މި ޕާޓީން ސަރުކާރަށް އިލްތިމާސް ކުރަން" އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

އަދި އިނގިރޭސިވިލާތާއެކު އެމްޑީޕީގެ ސަރުކާރުން ގާއިމުކުރަން މަޝްވަރާ ކުރަމުންދިޔަ ފްރީ ޓްރޭޑް އެގްރީމެންޓުގެ ސްކޯޕް ފުޅާކުރުމުގެ ނަމުގައި މަޑުޖެއްސުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށް އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އެ ކަން ހުއްޓާލައި ވީހާވެސް އަވަހަށް އެ އެއްބަސްވުން ގާއިމުކޮށް، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދޭނެ އިތުރު ގޮތްތައް މަސްވެރިންނަށް ފަހި ކޮށްދިނުމަށެވެ.

"ހަމައެހެންމެ، މި ޕާޓީގެ ވެރިކަމުގައި “ދަ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް” ގެ މެމްބަރުކަން ރާއްޖެއިން ހޯދާފައި ވަނީ ޔޫރަޕިއަން ޔޫނިއަނަށް ބޭރުކުރާ ދިވެހި މަހުން ޑިއުޓީ ކަނޑާލުމަށް މަގުފަހި ކުރުމުގެ ގޮތުންނެވެ. އެ ޖަމުއިއްޔާގެ ފުރިހަމަ މެމްބަރުކަން ރާއްޖެއަށް ލިބިފައިވާއިރު، ފުރިހަމަ ކުރަން ޖެހޭ އެހެނިހެން މަރުހަލާތަކަށް ފަހު، ރާއްޖޭގެ މަހުން ޑިއުޓީ ކަނޑާލުމަށް ސަރުކާރުން ވީއެންމެ އަވަހަކަށް ޔޫރަޕިއަން ޔޫނިއަންގައި އެދުމަށް"
އެމްޑީޕީ ބަޔާނުގައި ވެއެވެ

މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރު ނުކުޅެދިފައިވާ ކަމަށާއި ކިރުވި މަހަށް މަސްވެރިންނަށް ދޫކުރަން ޖެހޭ ހުރިހާ ފައިސާއެއް ވެސް ބޮޑު އީދުގެ ކުރިން ޖަމާކުރުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ. ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިސްވެ ކުރަމުންދާ މުޒާހަރާއަށް ފުރުސަތު ދީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ހައްލު ހޯދައިދިނުމަށް ވަނީ ގޮވާލާފައެވެ.