ކުވައިތުގައި މަސައްކަތް ކުރާ ބޭރުގެ މަސައްކަތްތެރިން ގިނަ އަދަދަކަށް ދިރިއުޅޭ މަންގާފް ސަރަހައްދުގެ އިމާރާތްތަކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ 41 މީހަކު މަރުވެއްޖެއެވެ.
ކުވައިތުގެ ހެލްތު މިނިސްޓްރީ އާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނީ, މަރުވި މީހުންގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެފައި ވާ ކަމަށާއި އަލިފާނުގެ ހާދިސާ ހިނގި އިމާރާތްތަކަކީ ކުވައިތުގައި ދިރިއުޅޭ ބޭރުގެ މަސައްކަތްތެތިން ތިބޭ އިމާރާތްތަކެއް ކަމަށެވެ. ނަމަވެސް އެ ހާދިސާގައި މަރުވި މީހުން ނިސްބަތްވާ ގައުމުތަކެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މިހާދިސާ އާ ގުޅިގެން އަލިފާން ރޯވި އިމާރާތްތަކުގެ ވެރިން ހިފާ ހައްޔަރު ކުރުމަށް ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ޝައިހު ފަހަދު އަލް ޔޫސުފު އަލް ސޮބާހު ވަނީ އަމުރު ކުރައްވާފައެވެ.
އަލިފާން ރޯވި ސަރަހައްދަށް ވަޑައިގެން އޭނާ ވިދާޅުވީ, ގެދޮރު ހަދާ ފަރާތްތަކުގެ ދަހިވެތި ކަމަކީ އެފަދަ ހިތާމަވެރި ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބެއް ކަމަށެވެ. ކުވައިތުގެ ޑިފެންސް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީވެސް ހިންގަވަނީ ފަހަދެވެ.
ކުވައިތުގެ ފުލުހުންގެ އިސް އޮފިސަރަކާ ހަވާލާދީ ނޫސްތަކުން ބުނީ އެ ގެތަކުގައި ދިރިއުޅެމުން ދިޔަ މަސައްކަތް ތެރިންގެ ތެރެއިން ގިނަ ބަޔަކު މަރުވި އަލިފާން ރޯވެ އަރަމުން ދިޔަ ބޯ ދުމުގައި ނޭވާ ހާސްވެގެން ކަމަށެވެ. އޭނާ ވިދާޅުވީ އެއް ތަނެއްގެ ތެރޭގައި ގިނަ ބަޔަކު ނުގެންގުޅުމަށާއި ކައިބޮއެ ނިދާ ނުހެދުމަށް އަބަދުވެސް އިންޒާރު ދެމުން ގެންދަވާ ކަމަށެވެ.