ތިން ގައުމެއްގެ އިސްވެރިންނާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުންތައް ކުރިއަށް ގެންގޮސްފައި ވަނީ އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ.ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައެވެ. އެގޮތުން ރައީސް ވަނީ ކުވޭތު، ސައުދީ އަރަބިއްޔާ އަދި އޮމާންގެ އިސްވެރިންނާ ބައްދަލު ކުރައްވާފައެވެ.
އެގޮތުން ކުވޭތުގެ ވަލީއަހްދު ޝައިހް ސަބާހް އަލް ހާލިދު އަލް ހަމަދު އަލް މުބާރަކް އަލް ސަބާހްއާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ ކުވޭތު ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވަމުންގެންދަވާ އެހީތެރިކަމަށްޓަކައި، އަދި ވަކިން ހާއްސަކޮށް ސިއްހީ ދާއިރާއަށް ދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން، ދަތުރުފަތުރުގެ ނިޒާމު އިތުރަށް ފުޅާކުރުން ހިމެނޭހެން ސަރުކާރުގެ ތަރައްގެގީ އެޖެންޑާގައި ހިމެނޭ ކަންތައްތައް ހާސިލުކުރުމަށް ދެއްވާ އަހައްމިއްޔަތު، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގައި އިންވެސްޓްކޮށް، ރާއްޖޭގެ ތަރައްގީގައި ބައިވެރިވުމަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ ކުވޭތުގެ އިންވެސްޓަރުންނަށް ދައުވަތު ދެއްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ކުވޭތުގެ ވަލީއަހްދު ވަނީ ދެ ގައުމުން އިސްކަންދޭ އަދި ކަންބޮޑުވުން ހުރި މައްސަލަތަކުގައި ގުޅިގެން އެކުގައި މަސައްކަތްކުރައްވާނެކަމަށާއި ކުރިމަގުގައި ދެ ގައުމުގެ ސިޔާސީ އަދި އިސްތިރާޖީ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.
އަދި ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު، ޕްރިންސް ފައިސަލް ބިން ފަރްހާދް އަލް-ސައޫދްއާ ބައްދަލުކުރައްވާ ސައުދީ އަރަބިއްޔާއިން ރާއްޖެއަށް މެދުކެނޑުމެއްނެތި ވެދެއްވަމުންގެންދަވާ އެހީތެރިކަމަށްޓަކައި އެގައުމުގެ ސަރުކާރަށް ވަނީ ޝުކުުރު އަދާ ކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ފިސްކަލް ރިފޯމާއި ތައުލީމާއި ސިއްހަތާއި އިގްތިސާދީ ތަރައްގީއާ އަދި ހައްޖުގެ އަޅުކަމާގުޅޭ ކަންކަން ފަދަ ދިވެހިރާއްޖެއަށް އިތުރު އެހީތެރިކަން ބޭނުންވާ މުހިންމު ދާއިރާތަކާ ގުޅޭ މަޝްވަރާތައް ކުރައްވާފައި ވެއެވެ.
އަދި އެ ގައުމުގެ ހާރިޖީ ވަޒީރުވެސް ވަނީ އެގައުމުގެ ސަރުކާރުން އެކިއެކި ދާއިރާތަކުން ރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަން އެގޮތުގައި ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މީގެ އިތުރުން އޮމާންގެ ހާރިޖީ ވަޒީރު ސައްޔިދު ބިން ޙަމަދް ބިން ހަމޫދް އަލްބުސައިދީއާ ބައްދަލު ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިސަރުކާރުގެ ތަރައްޤީގެ އެޖެންޑާ ހިއްސާކުރައްވާފައެވެ.
އަދި އޮމާންގެ ސަރުކާރުން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި އެގައުމުގެ ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ބަޖެޓް ސަޕޯޓާއި އިންފްރާސްޓްރަކްޗާ ތަރައްގީކުރުމާއި ޓީޗަރުން ތަމްރީނުކުރުމާއި އިންސާނީ ވަސީލަތް ތަރައްގީ ކުރުން ފަދަ ރާއްޖެއަށް އިތުރު އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކުރައްވާފައެވެ.