ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަގްސަދުގައި އެކުލަވާލާފައިވާ "ސްމޯލް އައިލެންޑްސް ހޮސްޕިޓަލް ޕްރޮޖެކްޓް" ހިންގުމަށް ކުވޭތު ފަންޑު ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ) އާއެކު ތިން މިލިއަން ކުވައިތު ދީނާރުގެ ލޯންގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފިއެވެ.

ތިން މިލިއަން ކުވައިތު ދީނަރަކީ 151.27 މިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މި މަޝްރޫއުގެ މަގްސަދަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި ހިމެނޭ ކުދި ރަށްރަށުގައި ބޭނުންވާ ސީއްހީ ހިދުމަތްތައް ފޯރުކޮށްދިނުމާއި، އެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުން ކަމަށެވެ. މީގެ އިތުރުން މި މަޝްރޫއުގެ ސަބަބުން މި ހިދުމަތް ލިބޭ ރަށްރަށުގެ މެދުގައި ސިއްހީ ހިދުމަތް ހޯދުމަށް ދަތުރުފަތުރު ކުރުމުގެ ހަރަދު ކުޑަވެ، ރަށްރަށުގެ އާބާދީއަށާއި ފަތުރުވެރިންނަށް ސިއްހީ ހިދުމަތްލާމަރުކަޒީ އުސޫލުން ފޮރުކޮށްދެވި އަދި ދެވަނަ ފައްތީގެ ސިއްހީ ފަރުވާ އެންމެ އެކަށީގެންވާ ވަގުތުގައި ލިބިގެން ދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ހޮސްޕިޓަލްތައް ތަރައްގީ ކުރުމުގެ ތެރޭގައި ހިމެނެނީ އިމާރާތް ކުރުމުގެ މަސައްކަތްތަކާއި ހޮސްޕިޓަލް އިމާރާތްތަކާއި ހިދުމަތްތަކުގެ އިލެކްޓްރޯނިކް ޓެކްނިކަލް މަސައްކަތްތަކާއި ސިއްހީ އާލާތްތަކާއި ފަރުނީޗަރު ފޮރުކޮށް ދިނުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. ހަމައެއާއެކު ކުރެހުންތަކާއި ބީލަން ލިޔެކިޔުންތައް ތައްޔާރު ކުރުމާއި، އިމާރާތްކުރުމުގެ މަސައްކަތް ބެލެހެއްޓުމާއި، ބޭނުންވާ އިންޖިނިއަރިން ހިދުމަތްތައް އަދި މަޝްރޫއު ތަންފީޒުކުރާ ޔުނިޓްގެ މަސައްކަތްތައް ވެސް މީގެ ތެރޭގައި ހިމެނެއެވެ.

މި ލޯން އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ. އަދި ކޭއެފްއޭއީޑީގެ ފަރާތުން ސޮއި ކުރެއްވީ އެ ފަންޑުގެ އެކްޓިން ޑިރެކްޓާ ޖެނެރަލް ވަލީދު އަލް ބަހަރެވެ. އަދި މި ރަސްމިއްޔާތުގައި ހެލްތް މިނިސްތަރު ޑރ. އަބްދުﷲ ހަލީލާއި ކޮލޮމްބޯގައި ހުންނަ ކުވައިތުގެ އެމްބަސީ އަދި ފިނޭނސް މިނިސްޓްރީގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.