އައްޑޫ ސިޓީގެ 4 އަވަށަކުން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތިތަކުގެ ތެރެއިން އެ ސިޓީގެ މީދޫ އަވަށުން ދޫކުރުމަށް ހަމަޖެހިފައިވާ 100 ގޯތި، މިއަހަރު ޖުލައި މަހުގެ ނިޔަލަށް ހަވާލުކޮށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ އިން ގޯތި ދޫނުކުރާތާ 26 އަހަރު ފަހުން، 2023 ވަނަ އަހަރު ޖަނަވަރީ މަހު ގޯތި ދޫކުރުމަށް ހުޅުވާލާފައިވާއިރު ގޯތި ދޫކުރުމަށް އިއުލާންކުރިތާ އެއް އަހަރާ ފަސް މަސްވެގެން ދިޔަ އިރުވެސް ބައެއް އަވަށްތަކުގައި ގޯތި ހަވާލުނުކުރެވުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. އައްޑޫގެ ހަތަރު ރަށަކުން ޖުމްލަ 4،052 ގޯތި ދޫކުރުމަށް ހަމަޖެހިފައި ވާއިރު ފުރަތަމަ މަރުހަލާގައި ޖުމްލަ 1000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ގޮތުން ހިތަދޫއިން ދޫކުރާ 500 ގޯތި، ފޭދޫއިން ދޫކުރާ 300 ގޯތި އަދި ހުޅުދޫއިން ދޫކުރާ 100 ގޯތީގެ ބިން ހަވާލުކުރުމުގެ މަސައްކަތް އަވަށު އޮފީސްތަކުން އަންނަނީ ކުރަމުންނެވެ. އެހެންނަމަވެސް މީދޫ އިން ބިން ދޫކުރުމުގެ މަސައްކަތް ހުއްޓިފައިވާއިރު މިކަމާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލް ބުނީ މީދޫ އިން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތި ހަވާލުކުރުން ލަސްވަނީ ގޯތި ދޭ ސަރަހައްދުގެ މަގުތައް ހެދިފައި ނެތުމުން ކަމަށެވެ. އަދި އެ މަސައްކަތް ހުއްޓިފައިވަނީ މަސައްކަތްކުރުމަށް ބޭނުންކުރާ ޕަބްލިކް ވޯކްސްގެ ވެހިކަލްތައް މަރާމާތުކުރަންޖެހިފައިވާތީ ކަމަށެވެ.

މީގެ ކުރިން އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވަނީ އައްޑޫ އިން ބަންޑާރަ ގޯއްޗަށް އެދި ހުޅުވާލި ފުރުސަތުގައި އެ ސިޓީގެ ހުރިހާ އަވަށަކުން ގިނަ އަދަދެއްގެ މީހުން ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާކަމަށެވެ. އެހެންކަމުން ގޯތި ދޫކުރުމަށް ކަނޑައަޅާ އާންމުކޮށްފައިވާ އުސޫލުގެ ދަށުން އެކި މަރުހަލާގައި ކުރަންޖެހޭ މަސަައްކަތްތަކާ ބަލަންޖެހޭ ބެލުންތައް، ބެލުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން ކުރަމުން ދާކަމަށެވެ.