އަޟްހާ އީދު ބަންދުގައި ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ވަނީ ވަނީ އީދު ބަންދުގެ ތެރޭގައި މާލެ އޮފީހުން ޕާސްޕޯޓްގެ ހިދުމަތް ލިބޭނެ ދުވަސްތަކާއި ގަޑިތައްވެސް ހާމަކޮށްފައެވެ.
އީދު ބަންދުގެ ތެރޭގައި މި މަހުގެ 17 އިން 20 އަށް ޕާސްޕޯޓްގެ ހިދުމަތް ލިބޭނެ ކަން ހާމަކޮށް އިމިގްރޭޝަނުން ބުނީ އެ ހިދުމަތަށް އެދި 24 ގަޑިއިރު އިމުގައި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. އަދި އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހެޅޭނީ 65 އަހަރުން މަތީގެ ފަރާތްތަކާއި އެމަޖެންސީ ހާލަތްތަކުގައި ކަމަށާއި އެ ހިދުމަތް ލިބޭނީ ހެނދުނު 9 އިން މެންދުރުފަހު 1 އަށް ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމިގްރޭޝަނުން ބުނީ ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރަނީ ހެނދުނު 8 އިން ހަވީރު 4 އަށް ކަމަށާއި ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ އިމިގްރޭޝަނަށް ހާޒިރުވެ ނަންބަރު ނެގޭނެ ކަމަށެވެ. އަދި މެންދުރު 12 އިން 12:45 އާ ދެމެދު ވަގުތެއްގައި ނަންބަރު ދޫކުރުން މެދުކެނޑޭނެ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމިގްރޭޝަނަން ބުނީ މެޑިކަލް އެމަޖެންސީ ހާލަތްތަކުގައި ގުޅާނީ 9555333 އަށް ކަމަށެވެ.
އަޟްހާ އީދު ދުވަހަކީ މި މަހުގެ 16 ވާ އާދީއްތަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީ އިން ކަނޑައެޅުމާ ގުޅިގެން ހައްޖު ދުވަހާއި އީދު ދުވަހުގެ އިތުރުން ސަރުކާރު ބަންދުވާނީ މި މަހުގެ 17، 18 އަދި 19 ވަނަ ދުވަހު ކަމަށް މީގެ ކުރިން ވަނީ ކަނޑައަޅާފައެވެ. އަދި ދާދިފަހުން މި މަހުގެ 20 ވަނަ ދުވަސް ވެސް ވަނީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައެވެ.