އަޟްހާ އީދު ބަންދު ދުވަސްތަކުގެ ތެރެއިން މި މަހުގެ 18 ވަނަ ދުވަހު ބީއެމްއެލްގެ ހިދުމަތް ލިބޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްއިން ބުނީ އެމްއެމްއޭއިން އިއުލާނާ އެއްގޮތްވާ ގޮތުގެ މަތިން އަޟްހާ އީދާ ގުޅިގެން ކުރިއަށް އޮތް ސަރުކާރު ބަންދު ދުވަސްތަކުގައި ބީއެމްއެލް ހުޅުވަން ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 8:30 އިން މެންދުރުފަހު 2 ޖެހުމާ ހަމައަށް ކަމަށެވެ.

ބީއެމްއެލްއިން ބުނީ އެ ބަންދު ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމް ކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމް ކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ހިދުމަތްތައްވެސް އީދު ބަންދުގެ ދުވަސްތަކުގައި ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލްއިން ވަނީ އިންޓަނެޓް ބޭންކިން އަދި މޮބައިލް އެޕް މެދުވެރިކޮށް ކަސްޓަމަރުން ބޭންކިން ހިދުމަތްތައް ހޯދުމަށް އެދިފައެވެ.

އަޟްހާ އީދު ދުވަހަކީ މި މަހުގެ 16 ވާ އާދީއްތަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީ އިން ކަނޑައެޅުމާ ގުޅިގެން ހައްޖު ދުވަހާއި އީދު ދުވަހުގެ އިތުރުން ސަރުކާރު ބަންދުވާނީ މި މަހުގެ 17، 18 އަދި 19 ވަނަ ދުވަހު ކަމަށް މީގެ ކުރިން ވަނީ ކަނޑައަޅާފައެވެ. އަދި ދާދިފަހުން މި މަހުގެ 20 ވަނަ ދުވަސް ވެސް ވަނީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައެވެ.