އެމްޑީޕީ ހަރުދަނާ ކުރުމަށް މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ޕާޓީއިން ބުނެފިއެވެ.
ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް ފާއިތުވީ އަހަރުތަކުގައި އައިސްފައިވާއިރު އެ ބަދަލުތަކާ އެއްވަރަށް ޕާޓީގެ ހިންގުމަށްވެސް ބަދަލު ގެނެސް މުއައްސަސާއެއްގެ ގޮތުގައި އިންސްޓިޓިއުޝަނަލައިޒް ކުރުމަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީ ކުރިއެރުވުމަށް މުހިންމު ކަމެއް ކަމަށެވެ.
އެކަމަށް ވާސިލުވުމުގެ ގޮތުން ހަރުދަނާ މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމުގައި ފައްޔާޒް ވިދާޅުވިއެވެ. މި މަގުޗާޓަކީ އެމްޑީޕީގެ ވިސްނުމާއި ފިކުރާއި ތަސައްވުރު އަދި މިޝަން ރަނގަޅަށް ބަޔާންކުރެވިފައިވާ މުސްތަގުބަލުގެ ލީޑަރުން އުފައްދާނެ މަގުޗާޓަކަށް ހެދުމަށް ފައްޔާޒް ވަނީ އެދިވަޑައިގެންފައެވެ.
ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ފިކުރަކީ ސިޔާސަތުތަކުގެ މައްޗަށް އެކުލެވޭ, މައިގަނޑު ދާއިރާތަކުގެ އެލައިންމެންޓް ފެންނަ އެމްޑީޕީއަށާއި އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދުކުރާ މީހުން އެމްޑީޕީއަށް ވޯޓު ދިނުން އިތުރުކުރާނެ ގޮތުގެ އިސްތިރާޖީ މަގުޗާޓަކަށް ހެދުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މި މަސައްކަތް ކުރުމުގައި ގައުމީ މަޖިލީހުގެ މެމްބަރުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
މި މަސައްކަތުގެ މައުލޫމާތު ޕާޓީގެ ހުރިހާ މެމްބަރުންނާއި އާންމު ރައްޔިތުންނާވެސް ކުރިއަށް އޮތް ދުވަސްތަކުގައި ހިއްސާކުރައްވާނެ ކަމުގައި ފައްޔާޒް ވަނީ ވިދާޅުވެފައެވެ.
ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ނިމިގެންދިޔަ ދެ އިންތިހާބު ގެއްލުނު ސަބަބުތައް ހޯދައި, ދިރާސާ ކުރުމަށް އެކުލަވާލި ޓެކްނިކަލް ކޮމިޓީގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ އަދާހަމަ ވެސް ގައުމީ މަޖިލީހުގެ މެމްބަރުންނާ ހިއްސާކޮށްފައެވެ.
އެގޮތުން, ކޮމިޓީގެ ފަރާތުން ޕާޓީގެ އެކިއެކި ފަރާތްތަކާ އިންޓަވިއުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް އެމްޑީޕީއިން ބުނެއެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ތިބި އެމްޑީޕީގެ މެމްބަރުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ހުޅުވާލާފައި ވާއިރު، ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތް ކޮށް މެންބަރުންގެ ހިޔާލު އެ ކޮމިޓީން ހޯދުމަށް ޕާޓީއިން ވަނީ ނިންމާފައެވެ.
އިންތިހާބު ތަކަށްފަހު އެމްޑީޕީގެ އެކި ގުނަންތަކާއި ގިނަ ދުވަހު އެމްޑީޕީއަށް ހިދުމަތް ކުރެއްވި ފަރާތްތަކާ އެކު ބައްދަލުވުންތައް ބާއްވައި އެ ބައްދަލުވުންތަކުން ލިބިފައިވާ ހިޔާލުތައް ފައްޔާޒް ވަނީ ގައުމީ މަޖިލީހާ ހިއްސާކުރައްވާފައެވެ.
އަމިއްލަ އެދުން ބޮޑުވީމާ ވާނެހަތަރެއްޗެއްވެ ނިމުނީ ދެންވެސް ސުމަކުން ފައްޓާގެންވެސް ކަންފުޅެއްވޭތޯވެސް ބައްލަވާ