ކ. ތިލަފުށީގައި އޮތް އެކްސްކަވޭޓަރެެއްގެ ވެރިއަކު ހޯދަން އެޗްޑީސީއިން އިއުލާން ކޮށްފިއެވެ.
ސަރަހައްދުގެ ފޮޓޯއާއި އެކްސްކަވޭޓަރުގެ ފޮޓޯ ހިއްސާކޮށް އެޗްޑީސިއިން ކުރި އިއުލާނުގައި ބުނީ އެ ކޯޕަރޭޝަންގެ އަމިއްލަ ބިމެއްކަމުގައިވާ ކ. ތިލަފުށި ލޮޓް ނަންބަރު؛ 30200 15-S5 އަކީ އެހެން ފަރާތަކަށް ކުއްޔަށް ދީފައިވާ ބިމަކަށްވާތީ އެ ބިމުގެ ތެރޭގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ އުޅަނދުތަކާއި އެހެނިހެން ތަކެތި ނަގާ އެ ބިން ކުއްޔަށް ދީފައިވާ ފަރާތަށް ހަވާލުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުންދާ ކަމަށެވެ.
އެޗްޑީސީއިން ބުނީ އެހެންނަމަވެސް ވެރިފަރާތް ނޭނގޭ އެސްކެވޭޓާ އެ ލޮޓްގެ ކުރިމަތީގައި އޮތުމުގެ ސަބަބުން އެ ބިން ހުސްކުރުމުގެ މަސައްކަތަށް އުދަނގޫތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.
އެޗްޑީސީއިން ބުނީ އެ އެކްސްކަވޭޓަރުގެ ވެރި ފަރާތެއްވާނަމަ އެ ކުންފުނީގެ ކޯލްސެންޓަރު ހޮޓްލައިން 1516 އަށް ގުޅާ މައުލޫމާތު ސާފުކުރުމަށްފަހު އެ އިއުލާނުގައިވާ ތާރީހުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ އެކްސްކަވޭޓަރު ނަގަންވާނެ ކަމަށެވެ.
އެ 15 ދުވަހުގެ މުއްދަތުގައި އެކްސްކަވޭޓަރު ނަގާފައިނުވާނަމަ ތިލަފުށިގެ ތެރެއަށް ގަވާއިދާ ހިލާފަށް ދޫކޮށްލާފައިވާ އުޅަނދެއް ކަމަށް ބަލާ އެޗްޑީސީއިން ފެންނަ ގޮތަކަށް އަމަލުކުރާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.