ރާއްޖޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން، އަހަރެއްގެ މައްޗަށް ސިނގިރޭޓު ގަތުމަށް 1.8 ބިލިއަން ރުފިޔާ ހޭދަކުރާކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް ރޭ ނ. މަނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާޜުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، އުމުރުން އެންމެ އަށް އަހަރުގައި ދުންފަތުގެ އިސްތިއުމާލު ނުވަތަ ވޭޕް ބޭނުން ކުރާ ފަށާ ކަމަށެވެ. ކުދިން ވޭޕްކުރާކަމުގެ ވާހަކަ ބެލެނެވެރިންގެ ފަރާތުންވެސް އަޑުއިވޭކަން ފާހަގަކޮށް މިނިސްޓަރުވަނީ މިކަމުގެ ނުރައްކާތެރިކަމުގެ މައްޗަށް އަލި އަޅުއްވާފައެވެ. އެގޮތުން ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ވޭޕްކުރުން މަނާކުރަމުން އަންނައިރު، ބައެއް ގައުމުތަކަށް ވޭޕް އެތެރެކުރުންވެސް މަނާކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ 'ގަޓު ކަމެއް' ނުވަތަ ހިތްވަރުގަދަ ކަމެއް ނޫންކަން އަދުގެ ޒުވާން ޖީލަށް ވިސްނައިދޭން ޖެހޭކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެކަމަށް ހޭލުންތެރިކުރުމަށް އަބަދުވެސް އެ ވާހަކަދައްކަން ވެއްޖެކަމަށެވެ. "އަމިއްލަ ނަފުސު ބިނާކުރަން، އަޅުގަނޑުމެން މުޖުތަމައު ތެރެއަށް ނިކުމެ އަޅުގަނޑުމެންނަކީ ހައިބަތު ހުރި މީހަކަށް ވާން ކުރާ މަސައްކަތް އެއީ ގަޓު މަސައްކަތަކީ،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް އަހަރަކު 400 މިލިއަން ސިނގިރޭޓު އެތެރެކުރާ ކަމަށެވެ. އަދި ސިނގިރެޓް ބުއިމަށް އަހަރަކު 1.8 ބިލިއަން ރުފިޔާ ހޭދަކުރާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މި ފައިސާއިން 50 އެނދުގެ 9 ހޮސްޕިޓަލް އެޅޭނެ ކަަމަށެވެ. އިތުރަށް މިނިސްޓަރު ވިދާޅުވީ އެވްރެޖްކޮށް ކޮންމެ އަހަރަކު 150 މީހުންނަށް ސީދާ ދުންފަތުގެ އިސްތިއުމާލުކުރުމުން ޖެހޭ ބަލިތަކުން މަރުވާކަމަށެވެ.